ހިޔާ މަޝްރޫއު

ކުލި ދެއްކުން ފަސްނުކުރާނަމަ މުޒާހަރާއަށް ނުކުންނަނީ

ހިޔާގެ ފްލެޓްތަކުން ކުލި ނުނެގުމުގެ މުއްދަތު ފަސްނުކުރާނަމަ މުޒާހަރާއަށް ނުކަންނަން ނިންމައިފި އެވެ.

މި މުޒާހަރާ އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު އަވަސްއަށް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ ގްރޭސް ޕީރިއަޑް އިތުުރުކޮށްދިނުމާ ގުޅޭ ގޮތުން މާދަމާ ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވަން ނިންމާަފައިވާކަން އެނގިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ކުލި ނެގުމުގެ މުއްދަތު ފަސްނުކުރަން ނިންމައިފިނަމަ އަންނަ ހުކުރު ދުވަހު މުޒާހަރާއަށް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި މުޒާހަރާ ބާއްވަން ނިންމައިފައިވަނީ ހިޔާ ފްލެޓްތަކުގެ ކުރިމަތީގަ އެވެ.

"އެނގިވަޑައިގަންނަވާނެ ގިނަ ފްލެޓްތަކުގެ ފިނިޝިން ނުނިމޭ. ގިނަ ބަޔަކަށް ފިނިޝިންގެ މަސައްކަތް ކުރަމުން ކުލި ނުދެއްކޭނެ. އެެެހެންނަމަވެސް ކުލި ނުނަގާ މުއްދަތު އިތުރުކޮށްދީފިނަމަ މުޒާހަރާއެއް ނުކުރާނަން،" މިދުއަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓްތަކުގެ ފިނިޝިން ނުނިމޭތީ ގިނަ ބަޔަކު އަދިވެސް ފްލެޓްތަކުގައި ދިރިއުޅެން ފަށާފައި ނުވާ ކަމަށެވެ. އޭނާ އަންދާޒާ ކުރައްވާ މީހުން ދިރިއުޅެން ފަށާފައިވަނީ 1000 ފްލެޓްގަ އެވެ.

ގްރޭސް ޕީރިއަޑް އިތުރުނުކޮށްދީގެން ހިޔާ ފްލެޓްތަކުގެ މީހުން މިދިޔަ ހުކުރު ދުވަހުވެސް އަޑު އުފުލާފައިވެ އެވެ.

ހިޔާ ފްލެޓްތައް ހަވާލުކުރީ އެ ތަންތަން މުޅީން ނުނިންމަ އެވެ. ފްލެޓްތައް ހަވާލުކުރި ފްލެޓްތަކުގައި މުއްޓާއި އެތެރޭގެ ދޮރުތައް ވެސް ހަރުކޮށްފައެއް ނެތެވެ އެވެ. އެހެންކަމުން އެ މަސައްކަތްތައް ނިންމާ ފްލެޓްތަކުގައި ދިރިއުޅެން ފެށެންދެން ކުލި ދެއްކުން މި އަހަރުގެ ނިޔަލަށް އޮތީ ފަސްކޮށްދީފަ އެވެ.

ކުލި ކުޑަކޮށް އަދި ކުލި ނެގުން އިތުރަަށް ފަސްކޮށްދިނުމަށް ފްލެޓްތަކުގެ މީހުން އޮތީ އެދިފަ އެވެ. އެޗްޑީސީން ވަނީ ކުލި ނެގުން ފަސްކުރަން ސަރުކާރާއެކު މަޝްވަރާކޮށްފަ އެވެ. ނަމަވެސް އަދިވެސް ގޮތެއް ނުނިމޭތީ އަންނަ މަހުން ފެށިގެން ނުލި ނަގާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހިޔާ ފްލެޓްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީ، އެތަނުގެ ގްރޭސް ޕީރިއެޑް ގުނަން ފަށާފައިވަނީ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ.

ގްރޭސް ޕީރިއެޑް އިތުރު ނުކޮށްފިނަމަ، ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން އަންނަ މަހުން ފެށިގެން ކުލީގެ ގޮތުގައި 8،500 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އެއީ ފްލެޓްގެ ކުއްޔަށް ދައްކަންޖެހޭ 7،000 ރުފިޔާ އާއި މެއިންޓަނަންސް ފީއަށް ދައްކަންޖެހޭ 1،000 ރުފިޔާ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ފްލެޓުގެ 16 ޓަވަރު އިމާރާތް ކޮށްފަ އެވެ. އޭގެ ތެރެއިން 6،720 ފްލެޓް މީހުން ދިރިއުޅުމަށް ދޫކޮށްފައިވެ އެވެ.