ޖުމްހޫރީ ޕާޓީ

އިންޑިއާ އައުޓް ކެމްޕޭން ބަލައެއް ނުގަންނަން: ޖޭޕީ

Dec 26, 2021
5

އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓު" އަދި "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭނަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކުރިއަށް ގެންދާ ހަރަކާތަކަށް ވާތީ އެއީ ބަލައިގަންނާނެ އަދި ހިތްވަރު ދޭނެ ހަރަކާތެއް ނޫން ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފި އެެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީ ތާއީދު ނުކުރާނެ ކަމަށެވެ. ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ބޭތިއްބުމާއި، އަދި ދިވެހި ގައުމުގެ އެއްވެސް މިންވަރެއް އަސްކަރީ ބޭނުމަށް ބޭރުގެ އެއްވެސް ގައުމަކަށް ދިނުމަކީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް [އެއްވެސް ގައުމަކަށް / އެއްވެސް ގައުމެއްގެ ޢަސްކަރިއްޔާ އަށް] ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު 'އިންޑިޔާގެ މިލިޓަރީ' މި ދިވެހި ފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ގާނޫނީ ހަމައެއް އޮތްކަމަކަށް ޖުމްހޫރީ ޕާޓީއަކުން ނުދެކެމެވެ،" ބަޔާނުގައިވެ އެވެ.

ޖުމްހޫރީ ޕާޓީން ބުނީ ދޭދޭ ގައުމުތަކުގެ މެދުގައި އުފައްދާ ބައިލެޓްރަލް ގުޅުންތަކުގެ ތެރެއިން ދެ ގައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ތައުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައާއި، ކާރިސާތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކުގައި އެހީތެރިވުމަށް ސިފައިން ތިބެދާނެ ކަމަށެވެ. އަދި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވެ ދިނުމަށް ހިންގޭ ހަރަކާތްތަކާއި، ދެ ގައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި، ބައިނަލްއަގްވާމީ ގާނޫނުތައް ތަންފީޒުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކި އެކި ހަރާކާތްތަކާއި، ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނު ތަކާއި ގުޅިގެން ވަކި މުއްދަތަކަށް އެއް ގައުމުގެ ސިފައިން އަނެއް ގައުމުގައި ތިބުމަކީ ދެފަރާތަށް ވެސް ފައިދާ ލިބޭނެ ކަންތައްތަކެއް ކަމަށެވެ.

"މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަހައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ބަލައިގެންފަ އެވެ. އަދި އަމުދުން މިފަދަ ބޭނުމަކު 'ހަތިޔާރު' ނުލައި ޔުނީފޯމުގައި އެހެން ގައުމެއްގެ ސިފައިން ހަރަކާތްތެރިވުމަކީ 'މިލިޓަރީ' ހަރަކާތެއް ކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށް އުޅޭ ކަމެއްވެސް މެއެވެ. އެހެންކަމުން 'އިންޑިއާ މިލިޓަރީ އައުޓް'ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއް ކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތެވެ." ބަޔާނުގައިވެ އެވެ.

ޖުމްހޫރީ ޕާޓީން ބުނީ "އިންޑިއާ މިލިޓަރީ އައުޓް" އާއި އެކު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖެއާއި އިންޑިއާގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހްމާލެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ. ސިޔާސީ މަގުސަދެއް ހާސިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ އެފަދަ އަމަލުތަކުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެނޫންވެސް ޒާތީ އެކި އެކި މުއާމަލާތްތަކަށް ސީދާކޮށް އަދި ނުސީދާ ކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ އިންތިހާއަށް ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އިންޑިއާ އައުޓް އަދި އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެމްޕޭންގެ ސަބަބުން ދިވެހި ގައުމަށް ދިގު މުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

"އަދި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ އިހްލާސްތެރިކަމާއި އެކު އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ ގާނޫނީ ވެރިކަން ދެމެހެއްޓުމާއި، ގާނޫނު އަސާސީ އަށް ތަބާވުމާއި، ދިވެހި ގައުމުގެ ސަލާމަތާއި، އިސްތިގުލާލް ނަގަހައްޓާ ދެމެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައިކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް މިފުރުސަތުގައި ވެސް ޔަގީންކަން އަރުވަމެވެ." ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.