ދުނިޔެ

ހުޅަނގަށް ގެރެންޓީ ނުދެވެންޏާ އެހެން ގޮތެއް ވެސް އެބައޮތް: ޕޫޓިން

ރަޝިއާގެ ރައްކާތެރިކަމާ މެދު ހުޅަނގަށް ގެރެންޓީ ދެވެން ނެތް ނަމަ އިޚުތިޔާރު ކުރެވޭނެ ކިތަންމެ ގޮތްތަކެއް ހުރި ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާ އަސްކަރިއްޔާ، ޔުކްރޭން ސަރަހައްދުގައި ހަރަކާތްތެރިވަނީ ޔުކްރޭނަށް އަރައިގަންނަން ނޫން ކަމަށާއި ނޭޓޯގެ އަމަލުތަކުގެ ސަބަބުން ކަމަށެވެ.

އެމެރިކާ އާއި ނޭޓޯއަށް މިމަހު ކުރީކޮޅު ސަލާމަތީ ގޮތުން ރަޝިއާ އެދޭ ނުކުތާތައް ހިމަނައި ހުށަހެޅި ހުށަހެޅުމުގައި އެދިފައި ހުރި ކަންތައްތަކުގެ ތެރޭގައި ޔުކްރޭނާއި ސޯވިއެޓް އެހެން އެއްވެސް ގައުމެއް ނޭޓޯގައި ބައިވެރި ނުކުރުކުން ހިމެނެ އެވެ.

ރަޝިއާއިން ބުނީ ނޭޓޯ ސިފައިން ރަޝިއާއާ ގާތަށް ޖެހެމުން އަންނަ ކަމަށާއި މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ އިމަށް ބަޔަކު އަރާއިރު ރަޝިއާއަށް ބަހަލަހައްޓައިގެން ނޯވެވޭނެ ކަމަށެވެ.

އެމެރިކާ އާއި ނޭޓޯ ގައުމުތަކުން ރަޝިއާގެ މި ހުށަހެޅުމަށް އަދި އެއްވެސް ޖަވާބެއް ނުދެ އެވެ. ރަޝިއާއިން ބުނަމުން ގެންދަނީ ލަސްނުކޮށް ޖަވާބެއް ދިނުމަށެވެ.

ޕޫޓިން ވިދާޅުވީ ރަޝިއާ އަށް ވަކި ޖަވާބެއް ނުލިބިއްޖެ ނަމަ އަސްކަރީ މާހިރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އަސްކަރިއްޔާ ދެކޭ ގޮތަކަށް އަމަލުކުރަން ދަންނަވާނެ ކަމަށެވެ.

ރަޝިއާ އެދޭހާ ގޮތެއް ހަދައިދިނުމަކީ އެމެރިކާ އާއި ބައިވެެރިން އެދޭނެ ގޮތެއް ނޫނެވެ. ރަޝިއާއަށް ވަކި ޖަވާބެއް ނުދީ ލަސްކުރުމަކީ އޭގެ ހެއްކެކެވެ.

އަނެއްކޮޅުން ނޭޓޯ ބުނާ ގޮތުން މެމްބަރުކަމަށް ޝަރުތު ފުރިހަމަވާ ނަމަ ނޭޓޯގެ މެމްބަރަކަށް ވެވިދާނެ އެވެ. އެއީ އެގައުމަކުން ކުރާ އިޚްތިޔާރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޭޓޯ އެދެނީ ރަޝިއާއާ މަޝްވަރާކުރާށެވެ. މަޝްވަރާތައް ޖެނުއަރީ މެދާހިސާބުގައި އޮންނާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިއާއިން އަސްކަރީ ފިޔަވަޅެެއް އެޅުމުގެ ކުރިން އެމެރިކާ އާއި ނޭޓޯއާ މަޝްވަރާކުރާނެ އެވެ. އަސްކަރީ ފިޔަވަޅު އެޅުން އޮތީ އަސްކަރީ މާހިރުން ލަފާދެއްވާ ނަމަ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.