ބޮލީވުޑް

ހަރުފައެއް ދަތް އަޅައިގެން ސަލްމާން ހޮސްޕިޓަލަށް

ބޮލީވުޑް އެކްޓަރު ސަލްމާން ޚާންގެ އަތުގައި ހަރުފައެއް ދަތް އަޅައިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފި އެވެ.

ސަލްމާން އަތުގައި ހަރުފަ ދަތް އެޅީ އެމީހުންގެ ޕާންވެލް ފާމް ހައުސްގައި ހުންނަ އޭނާގެ ނިދާ ކޮޓަރިއަށް ވަން ތަނާ އެވެ.

ފަތިހު 3:00 ހާއިރު ސަލްމާން ނިދަން ކޮޓަރިއަށް ވަންއިރު އެ ތަނުގައި ހަރުފައެއް އޮތް ކަމެއް އޭނާއަކަށް ނޭނގެ އެވެ.

ކުއްލިއަކަށް އަތުގައި އެއްޗެއް ދަތް އަޅައިގެން ތަދުވާން ފެށުމުން ވެސް އެއީ ހަރުފައެއް ދަތް އެޅީކަމެއް ސަލްމާނަކަށް ނޭނގުނެވެ. ނަމަވެސް ތަދުވާވަރުން އަވަހަށް ހޮސްޕިޓަލަށް ދިޔައީ އެވެ. އަދި ފަތިހު 3:00 އިން ފެށިގެން ހެނދުނު 9:00 އާ ހަމައަށް އޭނާ އަށް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.

ސަލްމާން އަތުގައި ދަތްއެޅީ ހަރުފައެއްކަން އެނގުނީ އޭނާ ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެ ކޮޓަރި ބަލައި ފާސްކުރުމުން އެތަނުގައި ހަރުފަ އޮއްވާ ފެނުނީމަ އެވެ.

ނަސީބަކުން ހަރުފައަކީ ވިހަ ހަރުފައަކަށް ނުވާތީ އެ ސޮރު ދަތް އެޅުމުން ސަލްމާނުގެ ހާލު ގޯހެއް ނޫނެވެ.

ސަލްމާންގެ އާއިލާގެ މި ފާމްހައުސް އަކީ ޖަންގައްޔާ ކައިރި ހިސާބެއްގައި މީހުން އުޅޭ ސަރަހައްދާ ވަރަށް ދުރުގައި އޮންނަ ތަނެކެވެ. އެ އާއިލާގެ މީހުން އެކުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންވުމުން އެ ފާމް ހައުސް އަށް ގޮސް ތިބެ އެވެ.

އެ ސަރަހައްދުގެ ފޮރެސްޓް އޮފިސަރުން ބުނި ގޮތުގައި އެއީ ހަރުފަ ވަރަށް ގިނައިން އުޅޭ ހިސާބެކެވެ. ނަމަވެސް ސަލްމާންގެ ކޮޓަރިއަށް ހަރުފައަށް ވަދެވުނު ގޮތެއް އެކަކަށް ވެސް ބުނާކަށް ނޭނގެ އެވެ.

ސަލްމާން ގައިގައި ހަރުފަ ދަތް އަޅާފައި މިވަނީ ޑިސެމްބަރު 27 ވަނަ ދުވަހު އޭނާގެ 56 ވަނަ އުފަން ދުވަސް އެ ފާމް ހައުސްގައި ފާހަގަކުރުމުގެ ތައްޔާރީތައް އާއިލާއިން ކުރަމުން ދަނިކޮށެވެ. އަދި އުފަން ދުވަހަށް އާއިލާގެ އެންމެން އެ ތަނަށް ޖަމާވެފައި ތިއްބަ އެވެ.

ސަލްމާންގެ ބައްޕަ ސަލީމް އިންޑިޔާ ނޫހަކަށް ބުނެފައިވާ ގޮތުގައި ސަލްމާން އަތުގައި ދަތް އެޅި ހަރުފައަކީ އެހާ ވިހަ އެއްޗަކަށް ނުވާތީ ސަލްމާނަށް މާ ބޮޑު މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ.