ބޮލީވުޑް

ފިލްމީ ތަރިން ޕާޓީތަކުގައި ނަށާދޭ އަގު އެނގޭތަ؟

މަހުޖަނުންގެ ޕާޓީތަކަށް ބޮލީވުޑް ތަރިން ބޮޑު އަގު ދީފައި ނަށަން ގެންދެ އެވެ. ހާއްސަކޮށް އިންޑިޔާގެ ކައިވެނި ހަފުލާތަކުގައި އޮންނަ ސަންގީތަށް ބޮލީވުޑް ތަރިންނަށް ދައުވަތު ދީގެން ގެންދިއުމަކީ ފައިސާވެރިން ވަރަށް ގިނައިން ކޮށް އުޅޭ ކަމެކެވެ.

އެ މީހުން ކިޔާ އަގެއް ދޭނަމަ ޕާޓީތަކުގައި ނެށުމަކީ ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުން ވެސް ކޮށް އުޅޭ ކަމެކެވެ.

ޝާހް ރުކް ޚާން، ސަލްމާން ޚާން، ކެޓުރީނާ ކައިފް، ރިތިކް ރޯޝަން، ދީޕިކާ ޕަދުކޯން، އަކްޝޭ ކުމާރު ފަދަ އެއްވަނަ ދަރަޖައިގެ އެކްޓަރުން ވެސް ފައިސާއަށް ޕާޓީތަކުގައި ނަށާދެ އެވެ.

އެގޮތުން ދާދިފަހުން ސަލްމާން ޚާނާއި އަނިލް ކަޕޫރާއި ޝިލްޕާ ޝެޓީ ޕާޓީއެއްގައި ނަށަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ. އެއީ ޖައިޕޫރުގައި އޮތް ކުރީގެ ޔޫނިއަން މިނިސްޓަރު ޕްރަފުލް ޕަޓޭލްގެ ދަރިފުޅު ޕްރަޖޭގެ ކައިވެނީގެ ހަފުލާގަ އެވެ.

މި ކައިވެނި ޕާޓީގައި ސަލްމާން އާއި ޝިލްޕާ ޝެޓީ އެކުގައި "ޖުމްމޭ ކީ ރާތު" އަށް ނަށާފައި ވެއެވެ.

ބޮލީވުޑް ތަރިން ކައިވެނި ޕާޓީތަކުގައި ނަށައިދޭ އަގު އެނގޭ ހެއްޔެވެ؟ އިންޑިޔާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ޝާހް ރުކް ޚާންޕާޓީގައި ނަށަން ގޮސް ދެނީ ތިން ކްރޯޑު ރުޕީސް އަށެވެ. ކެޓުރީނާގެ ޑާންސް ޕާފޯމަންސަކަށް އޭނާ 3.5 ކްރޯޑު ނަގަ އެވެ.

ސަލްމާން ޚާން ޗާޖް ކުރަނީ ދެ ކްރޯޑު ރުޕީސް އެވެ. ރިތިކް ރޯޝަން ލައްވާ ނަށުވާނަމަ 2.5 ކްރޯޑު ދެނިކޮށް އެކަން ކުރެވިދާނެ އެވެ.

ރަންވީރު ސިންގް އާއި ދީޕިކާ ޕަދުކޯން ޗާޖްކުރަނީ ކޮންމެ ޑާންސަކަށް އެއް ކްރޯޑެވެ. ޕްރިޔަންކާ ޗޯޕްޅާ ނަށައިދޭނީ 2.5 ކްރޯޑަށެވެ.

ރަންބީރު ކަޕޫރާއި އަކްޝޭ ކުމާރުގެ ފީއަކީ ވެސް 2.5 ކްރޯޑެވެ. މި ނޫން ތަރިންގެ އަގު ތަންކޮޅެއް ކުޑަ ވިޔަސް ވަރަށް ފައިސާ ހުރެގެން ނޫނީ ފިލްމީ ތަރިއަކު ޕާޓީއެއްގައި ނަށާކަށް ނުގެނެވޭނެ ކަން މި އަގުތައް ޔަގީން ކުރެވެ އެވެ.