ޕްރިމިއާ ލީގުގައި ބްރައިޓަން އިން ރޭ ބްރެންޓްފޯޑް އަތުން މޮޅުވެ މިއަހަރު އެ ކުލަބުން ޔޫރޮޕާ ލީގަށް ކޮލިފައިވުމަށް ކުރަމުން އަންނަ މަސައްކަތަށ އިތުރު ހިތްވަރެއް ހޯދައިފި އެވެ.
ރޭގެ މެޗުގައި ބްރެންޓްފޯޑް ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ބްރައިޓަންގެ ގޯލުތައް ކާމިޔާބު ކޮށްދީފައި ވަނީ ލެންޑްރޯ ޓްރޯސާޑް އަދި ނީލް މުޕޭ އެވެ.
ޕްރިމިއާ ލީގަށް މުޅިން އަލަށް ކޮލިފައިވި ބްރެންޓްފޯޑަށް ރޭގެ މެޗުގައި ގޯލެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އެޓީމުން ވަނީ މެޗުގެ އެކި ވަގުތުތަކުގައި ބްރައިޓަންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. އަދި ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ބްރެންޓްފޯޑްގެ ކުޅުން ވަރަށް ބޮޑު ތަނުން ރަނގަޅު ކޮށް ދެވަނަ ހާފުގެ ބޮޑުބައިގައި ކޮންޓްރޯލްކޮށް ބޯޅަ ގިނައިރު ގެންގުޅުނީ ވެސް ބްރެންޓްފޯޑެވެ.
މި ނަތީޖާއާ އެކު ރޭގެ މެޗުން މޮޅުވި ބްރައިޓަން ވަނީ ލީގުގެ ނުވަވަނަ އަށް ޖެހިލާފަ އެވެ. ބްރައިޓަން އިން ލީގުގެ ނުވަވަނައިގައި އޮތީ އެހެން ޓީމު ތަކާއި ހިލާފަށް ދެ މެޗު މަދުން ކުޅެގެންނެވެ.