އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިވަގުތު ތިއްބެވި މެންބަރުން ކޮމިޝަންގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އޭސީސީއާއި ރައީސް އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ.
ކޮމިޝަންގެ މެންބަރުންގެ ގޮތުގައި އެންމެ ފަހުން ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ. މި ތިން ބޭފުޅުންގެ ކުރިން އަލީ އަޝްރަފާއި، އިބްރާހީމް ޝަކީލް ވެސް ވަނީ އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަލީ އަޝްރަފް އިސްތިއުފާ ދެއްވީ މި މަހުގެ ދެވަނަ ދުވަހު އެވެ. ޝަކީލް އިސްތިއުފާ ދެއްވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.
އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވާފައި މިވަނީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެގެ ވަގުތެއްގައި ދެވަނަ ފަހަރަށް ފާސްކޮށްފައި ވަނިކޮށެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅީ ކޮމިޝަންގެ މަސައްކަތްތަކާއި މެންބަރުންގެ މަސައްކަތްތައް އޮޑިޓް އޮފީސް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެވެ. އޮޑިޓް ރިޕޯޓްގެ ދިފާއުގައި އޭސީސީގެ މެންބަރުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ އޮޑިޓް އޮފީހުން، އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި އެކުލަވާލި ރިޕޯޓްގައި ކޮމިޝަންގެ ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި އެ އޮޑިޓް ހަދާފައިވަނީ ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރެއްވި މެންބަރުންގެ ދައުރުގައި ހިނގި މަސައްކަތްތަކަށް އެކަނި ބަލައިގެން ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރިން އޮޑިޓް ރިޕޯޓާ އެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް ކޮމިޓީން ކުރިން ވެސް އޮތީ ފާސްކޮށްފަ އެވެ.
ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވަން ނިންމީ ވެސް އެ މައްސަލާގައި ގޮތެއް ނިންމުމަށް މަޖިލީހުގެ މެންބަރުންތަކެއް ސޮއިކުރައްވާ މަޖިލީހުގެ ރައީސް އަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ.
ދައުރުން ބޭރުގައި މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށްފަހު އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމުން ވަނީ އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ފަށައި އެ މައްސަލަ ކޮމިޓީއަށް ފޮނުވާފަ އެވެ. އެހެންވެ އެ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބޭއްވުމަށްފަހު އޭސީސީގެ މެންބަރުން ލިޔުމުން ޖަވާބުދާރީވުމަށް ކޮމިޓީން ފަސް ދުވަސް ދީފައިވެ އެވެ. ބަންދު ދުވަސްތައް ނުލައި ދީފައިވާ އެ މުއްދަތު އިއްޔެއަށް ހަމަވިއިރު އެ މުއްދަތުގެ އޭސީސީގެ މެންބަރުން ކޮމޓީ އަށް ލިޔުމުން ޖަވާބުދާރީވެވަޑައިގެންނެވި އެެވެ.
އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި އާ ވާހަކައެއް ވިދާޅުވެފައި ނެތް ކަމަށެވެ. ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވިދާޅުވީ އޭސީސީގެ މެމްބަރުންގެ ފަރާތުން ލިބުނީ ކުރިންވެސް ލިބުނު ޖަވާބުތަކެއް ކަމަށާއި އަދި މެމްބަރުންނަށް ވަގުތު ދެވިއްޖެ ކަމަަށެވެ. އަދި އެތައް ފަހަަރަކު ކޮމިޓީއަށް ހާޒިރުކޮށް ކަންތައްތައް ރަނގަޅުކުރަން ފުރުސަތު ދިނުމުންވެސް އެއްވެސް ކަމެއް އިސްލާހުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ މެމްބަރުން ވަކި ކުރުމަށެވެ. ހަސަންގެ ހުށަހެޅުމަށް ތާއިދުކުރެއްވީ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް އެވެ.
ހަސަންގެ ހުށަހެޅުމާ އެއްގޮތަށް އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން އިއްޔެ ފާސްކުރީ ފަސް މެމްބަރުންގެ ތާއީދާ އެކު އެވެ. އެއީ ހަސަން އާއި އަހްމަދު ހަލީމްގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގާއި ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ގަމު ދާއިރާގެެ މެމްބަރު މުހައްމަދު ވިސާމެވެ.
ހަސަންގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ހިމެނެ އެވެ.
މެމްބަރު އަލީ ހަމީދު އިއްޔެ ވިދާޅުވީ އޭސީސީގެ މެމްބަރުން ޖަވާބުދާރީވެ ފޮނުވި ސިޓީތައް ލިބުނީ ވެސް އިއްޔެ މެންދުރު ކަމަށެވެ. ބައެއް ސިޓީތަކުގައި 22 ސަފްހާވެސް ހިމެނޭ ކަމަށާއި އަދި ގާނޫނީ ބައެއް ކަންތައްތަކަށް ވެސް ރިއާޔަތްކޮށްފައިވާތީ މައްސަލަ ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ އޭނާ ހުށަހެޅުއްވީ އިތުރު ތިން ދުވަސް މައްސަލަ ދިރާސާކުރަން ދިނުމަށެވެ. ނަަމަވެސް އިއްޔެ ވޯޓަށް އެންމެ ފުރަތަމަ އެހީ ހަސަންގެ ހުށަހެޅުމަށް ކަމަށްވެފައި އެ ހުށަހެޅުން ފާސްވުމުން އަލީ ހަމީދުގެ ހުށަހެޅުމަށް ވޯޓަކަށް ނާހަ އެވެ.