ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި 106 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި އެވެ.
އެބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
މި އެވޯޑަކީ ދިވެހި ދައުލަތަށް 35 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލްކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވާފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި 50 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ދެ ބޭފުޅަކު ވެސް ހިމެނިވަޑައިގަތެވެ. އެ ބޭފުޅުންނަކީ ހއ. އުލިގަމު މެޖިސްޓްރޭޓް (ރިޓަޔާޑް) އިދުރީސް އާދަމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ހުންނެވި މާފަންނު މާހުރާ އަހްމަދު ސަލީމެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު ރޭ ލިބިވަޑައިގެންނެވި 106 ބޭފުޅުންގެ ތެރެއިން 26 ބޭފުޅުންނަކީ އަންހެން ބޭފުޅުންނެވެ. އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ދައުލަތުގެ އެކި މުއައްސަސާތަކުގައި އެކި ފެންވަރުގެ މަގާމުތައް ފުރުއްވައިފައިވާ ބޭފުޅުން ހިމެނިވަޑައިގެންނެވި އެވެ. އެގޮތުން އެމްއެންޑީއެފް އާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، އެހެނިހެން މުއައްސަސާތަކުގެ ގިނަ އަދަދެއްގެ ބޭފުޅުން ހިމެނެ އެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ގިނަކަމުން، ގައުމީ ފެންވަރުގައި ބާއްވާ ދެ ޖަލްސާއެއްގައި އިނާމު ދެއްވާ ގޮތަށް ރައީސް ސޯލިހް އޮތީ ނިންމަވާފަ އެވެ. އެގޮތުން، މިދިޔަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި 117 ބޭފުޅަކަށް ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު ވަނީ ދެއްވާފަ އެވެ. އަދި ރޭ އިނާމު ދެއްވީ ބާކީ ތިބި 106 ބޭފުޅުންނަށެވެ.