ޑރ. މުހައްމަދު މުއިއްޒު

މާލޭ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް މޭޔަރު ގޮވާލައްވައިފި

Dec 27, 2021
2

މާލޭގެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައިފި އެވެ.

މުއިއްޒު އެގޮތަށް ގޮވާލާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކާލުމަށް އެޗްޑީސީން މިއަދު ހުޅުވާލުމާ ގުޅިގެންނެވެ.

އެޗްޑީސީން ގޯތި ވިއްކުމަށް ހަމަޖައްސާފައިވަނީ ބީލަމުގެ އުސޫލުން ބޮޑު އަގު ހުށަހަޅާ ފަރާތްތަކަށެވެ.

މިކަމާ ގުޅިގެން މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ ޢާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.

"މާލެ ރައްޔިތުން ނިކަމެތިކުރުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލަން" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހުޅުވާލުމުން އެތައް ބަޔަކު ދަނީ ސަރުކާރާއި އެޗްޑީސީ އަށް ފާޑު ކިޔަމުންނެވެ. އެޗްޑީސީން ނިންމުން ބަދަލުކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގޮވާލައްވާފައިވެ އެވެ.