ވިޔަފާރި

އައްޑޫ ޓެކްސީތަކުގައި މީޓަރު ހަރުކުރަނީ

ފަސްލައްކަ ރުފިޔާ ހަރަދުކޮށްގެން އައްޑޫ ސިޓީ ޓެކްސީތަކުގައި މީޓަރު ހަރުކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

"އަވަސް" އާ ވާހަކަދައްކަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބު ވިދާޅުވީ އައްޑޫ ޓެކްސީ ޑްރައިވަރުން ދަތުރުތަކަށް ނަގާ އަގު ކަނޑައެޅުމުގައި ހަމަހަމަ އުސޫލެއް ގާއިމް ކުރުމަށްޓަކައި ކައުންސިލާއި ޓެކްސީ ސެންޓަރުތަކާ މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި ޑްރައިވަރުންނާއި ރައްޔިތުންނަށް އެންމެ ހަމަހަމަކޮށް އަގު ކަނޑައެޅޭނެ އުސޫލަކީ މީޓަރު ހަރުކޮށްގެން ކަމަށް ދެފަރާތުން މަޝްވަރާކޮށް ނިންމި ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އައްޑޫއަކީ 21 ހަކަށް ކިލޯމީޓަރު އޮންނަ ރަށަކަށް ވެފައި އެކި ދިމާލުން ގުޅިފައި ހުންނަ އާބާދީތަކާއި ފަޅުރައްތަކެއް ހުރޭ. އެހެންވެ ވަކި ހިސާބުތަކަށް އަގު ކަނޑައަޅާ ގެން އުޅުމުގައި ގޮންޖެހުންތަކެއް، އުނދަގޫތަކެއް ހުރޭ. މީގެ އިތުރުން ބައެއް ފަރާތްތަކަށް ތަފާތުތަކެއް ކޮށް އެކި އަގުތަކުގައި ރުފިޔާ ނަގަމުންދާކަން އަޅުގަނޑުމެންނަށް ވަނީ އިނގިފައި. އެހެންކަމުން މިހުރިހާ ކަމެއްގެ ހައްލަކީ ހަމަހަމަ ކަމާއެކު އަގު ކަނޑައެޅުމުގެ ނިޒާމެއް ގާއިމް ކުރުން،" ތައްޔިބު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވީ ކައުންސިލުން ރާވާފައިވަނީ އަންނަ އަހަރުގެ ބަޖެޓުން ފަސް ލައްކަ ރުފިޔާ ހަރަދުކުރާށެވެ. އަދި މީޓަރު ބަހައްޓަން ޓެކްސީތަކަށް ފައިސާ ދޫކުރާނީ ލޯނެއްގެ ގޮތުގައި ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ކުރާ މަސައްކަތަކީ އައްޑޫއަށް އެންމެ އެކަށީގެންވާ މީޓަރުތައް ހޯދުން. އަދި އަންނަ އަހަރު މާޗް ހިސާބުގައި އިއުލާންކޮށްގެން ޓެކްސީތަކުގައި ހަރުކުރެވިގެން ހިދުމަތް ދެވޭތޯ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

އައްޑޫގައި 110 އަކަށް ވުރެ ގިނަ ޓެކްސީ ރަޖިސްޓްރީ ކޮށްފައިވެ އެވެ. އުޅޭ އަދި މިފަދަ ހިދުމަތެއް ރާއްޖޭގައި އަލަށް އައްޑޫގައި ތާރަފް ކުރުމަކީ ރައްޔިތުންނަށާއި އަދި ރަށައްވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ތޮއްޔިބު ފާހަގަ ކުރެއްވި އެވެ.