އޭސީސީގެ މެންބަރުންނަށް ބިރު ދައްކާ، ވަކިކުރުމުގެ މަރުހަލާގެ ކަންކަން ހިންގާފައިވަނީ އޭސީސީގެ މައްޗަށް ނުފޫޒު ފޯރުވުމަށާއި އެ މުއައްސަސާގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އަމަލު ހިންގުމަށް މަގުފަހިކުރުމަށް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ތުހުމަތުކޮށްފި އެވެ.
އޭސީސީގެ މެންބަރުންނާ މެދު ކަންކަން ހިނގާދިޔަ ގޮތުން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހަދައި މެންބަރުން ވަކިކުރަން ނިންމިއިރު އޮޑިޓްގައިވާ މުއްދަތުގައި ބަލާފައިވާ ގިނަ މަސައްކަތްތަކަކީ އެ ކޮމިޝަންގައި އެންމެ ފަހުން ތިބި މެންބަރުން މަގާމާ ހަވާލުވުމުގެ ކުރިން ހިނގާފައި ހުރި މަސައްކަތްތައް ކަމަށެވެ.
މިނިވަން މުއައްސަސާތަކުގައި ތިބޭ މެންބަރުންނަށް ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި މަޖިލިސް މެންބަރުންގެ ފިއްތުންތައް ކުރިމަތިކުރުވާ، މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސީދާ ގޮތުން ނުފޫޒު ފޯރުވާ، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އޭސީސީގެ އޮޑިޓް ހެދުމަށް މެންބަރު ވަކިކުރުމަށް މަޖިލީހުގެ ކޮމިިޓީން ނިންމީ އޮޑިޓްގައި ފާހަގަކުރި މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ނުދީ ކަމަށެވެ. އަދި އޭސީސީގެ މަސައްކަތްތައް ބޭނުންވާ ބަޖެޓާއި ވަސީލަތްތައް ފޯރުކޮށްދީފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެހެންވެ ބަޖެޓާއި ވަސީލަތްތައް ހަމަޖައްސައިދޭން ގޮވާލާފައިިވެ އެވެ.
"މުއައްސަސާތައް ގަވައިދުން އޮޑިޓްކޮށް ކުރެވޭ އޮޑިޓްތަކަކީ އެ މުއައްސަސާތަކުން ކުރާ މަސައްކަތްތަކަށް ފުރިހަމައަށް އަލިއަޅުވާލެވޭ އޮޑިޓް ތަކެއް ކަން ޔަގީންކޮށް، އަދި އޮޑިޓްތަކުން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަކީ މަތި އޮމާންކުރުމަށް އަޅާ ފިޔަވަޅުތަކަކަށް ނުހަދާ މާނަވީ ހައްލުތަކެއްކަން ޔަގީންކުރުން،" ޓްރާންސްޕޭރަންސީގެ ބަޔާނުގައި ރަނގަޅުކުރަންވީ ކަންކަން ފާހަގަކޮށް ބުނެފައިވެ އެވެ.
އޭސީސީގެ މެންބަރުން އިސްތިއުފާ ދެއްވީ އެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދެވަނަ ފަހަރަށް ފާސްކުރުމާ ގުޅިގެންނެވެ.