މި ފަހަކުން ދުނިޔެ ދުށް އެންމެ ބޮޑު އާލަމީ ބަލިމަޑުކަމުގައި ދެ އަހަރެއްހާ ދުވަސް ފާއިތުވީއިރު ވަރަށް ގިނަ މީހުންގެ ބަރުދަން ވަނީ ކުރިއަށް ވުރެ އެތައް ތަނެއް އިތުރު ވެފަ އެވެ.
ފަލަވި ސަބަބެއް ކަމަށް ކޮންމެ މީހަކުވެސް ދައްކަނީ އެއް ބަހަނާ އެކެވެ. ލޮކްޑައުންގައި ގޭގައި ތިބެން ޖެހުމުން ކަސްރަތު ކުރެވޭނެ ގޮތެއް ނެތި ފޫހިވީމަ މާގިނައިން ކެވުނީމަ ދިމާވި ކަމެއް ކަމަށެވެ.
ޔަގީންވާ ކަމަކީ މި ޕެންޑެމިކްގައި ގިނަ ބަޔަކު އާދަވެ އުޅުނު ދިރިއުޅުމަށް ބުރޫ އެރި ކަމެވެ. އަދި އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ އެންމެންނަށް ވެސް ކުރިމަތިވީ ކަމެވެ. މާބޮޑަށް ސްޓްރެސްވެ، ނިދި މަދުވެ، ސިއްހަތަށް ފައިދާ ނެތް ކާނާ ކެއުމަށް އާދަވި ކަމެވެ.
ނަމަވެސް ފަލަވުމަށް މެދުވެރިވާ ސަބަބެއް ކަމަށް އިންޑިއާގެ މަޝްހޫރު ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޕޫޖާ މަކީޖާ ބުނަނީ މުޅިން ތަފާތު ކަމެއްގެ ވާހަކަ އެވެ.
އޭނާ ބުނާ ގޮތުގައި ފަލަވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ހަކުރެވެ. ހަކުރު އެންމެ ސަމުސަލަކުން ވެސް ވަރަށް ބޮޑަށް ބަރުދަން އިތުރުވާ ކަމަށް ބުންޏެވެ.
ހެނދުނު ހޭލައިގެން އެ ބޯލާ ކޮފީ ތައްޓަށް އަޅާ އެންމެ ހަކުރު ސަމުސަލަކީ ވެސް އެމީހާ ފަލަވާން މެދުވެރިވާނެ ސަބަބެއް ކަމަށް ނިއުޓްރިޝަނިސްޓް ބުންޏެވެ.
ސިއްހަތު ރަނގަޅު ލައިފްސްޓައިލަކަށް ބޭނުންވާ މުހިއްމު ކަންކަން އަބަދުވެސް ހިއްސާ ކުރަމުންދާ ނިއުޓްރިޝަނިސްޓް ބުނި ގޮތުގައި ސައި ތައްޓަށް ނުވަތަ ކޮފީ ތައްޓަށް އިތުރު އެންމެ ސަމުސަލެއްގެ ހަކުރު އަޅާލާއިރު މިއީ އެމީހާގެ ބަރުދަން އިތުރުވާނެ ސަބަބެއް ކަމަކަށް ގިނަ މީހުންނަކަށް ގަބޫލެއް ނުކުރެ ވެއެވެ. ނަމަވެސް އިންސްޓަގްރާމްގައި ޕޫޖާ ޝެއާ ކޮށްފައިވާ ވީޑިއޯއެއްގައި މިގޮތަށް ދިމާވާ ސަބަބު ވަރަށް ރަނގަޅަށް ކިޔައިދީފައި ވެއެވެ.
އޭނާ ކިޔައިދިން ގޮތުގައި އެއް ސަމުސާ ހަކުރު ދުވާލަކު ދެ އިރު ބޯލާ ކޮފީ ނުވަތަ ސައިތައްޓަށް އަޅާނަމަ އަހަރަކު އެމީހާގެ ބަރުދަނަށް ހަތަރު ކިލޯ އިތުރުވަމުން ދާނެ އެވެ. އަދި 10 އަހަރުން 40 ކިލޯ އިތުރުވާނެ އެވެ.
ޕޫޖާ ބުނާ ގޮތުގައި މިގޮތަށް ސަޔަށް ނުވަތަ ކޮފީ އަށް އަޅާ ހަކުރަކީ ހަގީގަތުގައި ހީވެސް ނުކުރާ ވަރުގެ ގެއްލުން ސިއްހަތަށް ލިބޭ އަދި ނުދެނަހުރެ ހުއްޓާ ބަރުދަން އިތުރުވާން މެދުވެރިވާ ކަމެކެވެ.
ބަރުދަން އިތުރުވަމުން ދިއުމަކީ ސިއްހީ ގިނަ މައްސަލަތަކާ ވެސް ކުރިމަތިވާ އެންމެ މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން ބަރުދަން އިތުރުނުވިޔަ ނުދިނުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ.