ހުޅުމާލޭގެ ކަންނެލި ޖެޓީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވާ އެމީހުންގެ ކަންބޮޑުވުންތައް ނައިބް ރައީސް ފައިސަލް ނަސީމް އޮޅުންފިލުއްވައިފި އެވެ.
ނައިބް ރައީސް އިއްޔެ ކުރެއްވި މިޒިޔާރަތުގައި މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމަށްފަހު އެމަނިކުފާނު ވަނީ ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މަސްވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި އަދި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ވެސް ނައިބް ރައީސް ހިއްސާކުރައްވާފައިވެ އެވެ.
މަސްވެރިންގެ މައިގަނޑު ކަންބޮޑުވުންތަކަކީ އައިސް ލިބުން ބައެއް ސަރަހައްދުތަކުގައި އަދިވެސް ދަތިވުމާއި، ބާނާ ހުރިހާ މަހެއް ވިއްކާނުލެވުމާއި، މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު ވެސް މަހުގެ އަގު ބައެއް ފަހަރު ދަށްވުމުގެ މައްސަލަ އެވެ.
މިއަހަރުގެ މަސްވެރިން ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހު މަސްވެރިން ކަނޑުމަތީގައި ކުރި އިހްތިޖާޖެއްގެ ތެރެއަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
އަންނަ އަހަރުގެ ކުރީކޮޅު މަސްވެރިންނަށް ރަނގަޅު އަގެއް ލިބެން ފަށާނެ ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.