ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އަދާލަތު ޕާޓީގައި އިސްކޮށް ހުންނެވި ދީނީ އިލްމުވެރިޔާ ޑރ. އަނާރާ ނައީމް އެ ޕާޓީން ވަކިވެއްޖެ އެވެ.
އަނާރާ ދެންމެ ވިދާޅުވީ އަދާލަތު ޕާޓީން ވަކިވާން ނިންމާ އެކަން އެ ޕާޓީއަށް އަންގާފައިވާ ކަމަށެވެ. އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އަދާލަތުގެ މެންބަރު ކަމުން ވަކިކޮށްދެއްވުމަށް އެދޭ ކަމަށެވެ. ޕާޓީން ލިބުނު އެހީތެރި ކަމަށް ޝުކުރުއަދާކޮށްފައިވެސް ވެއެވެ.
އަނާރާ އަދާލަތުން ވަކިވެފައި މިވަނީ އެ ޕާޓީގެ މަސައްކަތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކެއް ފަހުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް އަދާލަތު ތަމްސީލުކުރި ހަމައެކަނި މެންބަރަކީ އަނާރާ އެެވެ. އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު މަދުވެ ހަރަކާތްތައް މަޑުޖެހި އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޖަލުގައި ހުންނެވި ދުވަސްވަރު އެ ޕާޓީ ތަމްސީލުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ އަނާރާ އެވެ. މިހާރު އޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގެނައުމަށްވެސް ބުރަކޮށް މަސައްކަތް ކުރެއްވި އަނާރާ ފާހަގަކުރެވުނީ ސިޔާސީ މަސައްކަތުގައިވެސް ހިތްވަރު ގަދަ ބޭފުޅެއްގެ ގޮތުގައެވެ.
ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު ބޮޑު ތަނުން ދަށްވެ ޕާޓީގެ ހަރަކާތްތައް މުޅީންހެން ވަނީ ހުއްޓިފައެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ތިއްބެވިއިރު ސަރުކާރު ދިފާއުގައި ކުރުމުގައި އަދާލަތުގެ ވެރިން ގެންގުޅުއްވާ ސިޔާސަތުތަކަށް އާންމު ރައްޔިތުންގެ ވަަރަށް ބޮޑު ފާޑުކިޔުމެއް އޮވެއެވެ. އަދި ގިނަ އަދަދެއްގެ އިލްމުވެރިން ބައިވެރިވެގެން އުފެއްދި އަދާލަތަށް ކުރީން ނިސްބަތްވި ވަރަށް ގިނަ އިލްމުވެރިން ވަނީ ޕާޓީ ދޫކޮށް ވަޑައިގެންފައެވެ. މީގެ އިތުރުން އަދާލަތުގެ އެންމެ މުހިންމުކޮށް ފާހަގަކުރެވުނު ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްވެސް ވަނީ އެ ޕާޓީ ދޫކޮށްލައްވާފައެވެ.