އިޒުރޭލާއި ފަލަސްތީނުގެ އަރައިރުން

ފަލަސްތީނަށްޓަކައި ބޮޑު އެއްވުމެއް އިމްރާން އިންތިޒާމުކުރައްވަނީ

ފަލަސްތީން ރައްޔިތުންގެ ހައްގުގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ބައިވެރިވާ ބޮޑު އެއްވުމެއް އިންތިޒާމު ކުރުމުގެ މަސައްކަތް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފައްޓަވައިފި އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައިވެސް ހުންނެވި އިމްރާން މިކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.

އިމްރާން ވިދާޅުވީ އިސްލާމީ އުންމަތުގެ ހައްގުގައި ކޮންމެ މުސްލިމެއްގެ ފަރުދީ ޒިންމާ އަދާކުރުން މިވަގުތު ލާޒިމުވެއްޖެ ކަމަށެވެ.

"ކޮންމެ ފަރުދަކުމެ އެމީހަކަށް ކޮށްދެވޭނެ އެއްމެ ބޮޑުކަމަކީ ކޮބައިތޯ ވިސްނާ ފިކުރުކޮށް އެކަމަކަށް އަވަސްވެ ގަންނާށެވެ،" އިމްރާންގެ ޕޯސްޓްގައިވެ އެވެ.

ބޮޑު އެއްވުމެއް ރޭވުމުގެ މަސައްކަތް އިމްރާން ފައްޓަވާފައި މިވަނީ ފަލަސްތީން ރައްޔިތުން ނައްތާލުމަށް އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ހިންގާ ގަތުލުއާންމާ ދެކޮޅަށް އަރަބި އިސްލާމީ ގައުމުތަކުގެ ރައްޔިތުން މަގުތަކަށް ނިކުމެ އިހްތިޖާޖުކުރުމަށް ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން ގެންދާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނިއްޔާ މުސްލިމް އުއްމަތަށް ގޮވާލެއްވުމާ ގުޅިގެންނެވެ.

ހަނިއްޔާ ވަނީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ހަމަލާތަކުގެ ބިރަށް ހަމާސް އިން ކުރިއަށް ގެންދާ ޖިހާދީ ހަރަކާތްތައް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލު ފަލަސްތީންގެ ހަމަލާތައް މިމަހުގެ ހަތްވަނަ ދުވަހު ފެށުނީ ހަމާސް އިން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ހަމަލާތަކުގައި އެތައް ސަތޭކަ ޔަހޫދީން މަރާލައި އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ދިނުމުންނެވެ. ހަމާސްގެ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާ އަށް ބޮޑު ޝޮކެއް ލިބި ދުނިޔޭގެ ކުރިމަތީގައި އެމީހުން ވަނީ ވަރަށް ބޮޑަށް ފަލީހަތްވެފަ އެވެ.