ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.
އިޒުރޭލުގެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އިޒުރޭލުގެ އެ ނިންމުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަގްވާމީ ގާާނޫނުތަކާ، އިންސާނީ ހައްގުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.
އިޒުރޭލުން ހިންގާ އެފަދަ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށާއި، ބައިނަލްއަގްވާމީ މުޖުތަމައަށް ޖަވާބުދާރީކުރުވުމުގެ ނިޒާމުތައް ޒިންމާދާރު ކުރުވުމަށާއި، ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވާވެސްލާފަ އެވެ.
ދިވެހި ސަރުކާރުން އިތުރަށް ބުނީ އިޒުރޭލާއި ފަލަސްތީންގެ މެދުގައި އޮތް ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި އަދުލުވެރި، ސުލްހަވެރި ހައްލެއް ލިބޭނީ 1967ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީންގެ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރެވިގެން ކަމަށެވެ.