ދުނިޔެ

ޔުކްރޭނާއި ޖޯޖިއާ ނޭޓޯގައި ބައިވެރިކޮށްގެން ނުވާނެ: ރަޝިއާ

ޔުކްރޭނާއި ޖޯޖިއާއަކީ ނޭޓޯ މެމްބަރު ކަމަށް ޝަރުތު ފުރިމަވާ ދެ ގައުމު ކަމަށް ނޭޓޯއިން ބުނެފައި އޮތް އޮތުން އަނބުރާ ގެންދަން ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރުގޭ ރަޕްކޯފް ވިދާޅުވެއްޖެ އެވެ.

އެ ދެ ގައުމުން ކުރެ ގައުމެއް ނޭޓޯ ޖަމާއަތުގައި ބައިވެރިކޮށްފި ނަމަ ހަނގުރާމަ އިއުލާން ކުރެވުނީ ކަމަށް ވެސް ވަަޒީރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެކަމާއިގެން ކުރިއަށް ނުދިއުމަށް ރަޝިއާ ނޭޓޯއަށް އިންޒާރު ދޭ ކަމަށެވެ.

ނޭޓޯގެ ފައުޖުތައް ރަޝިއާއާ ގާތަށް ޖެހިގެން ނުވާނެ ކަމަށް ވެސް ރަޕްކޯފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިއާގެ އުންމީދަކީ ނޭޓޯގެ ކިބައިގައި ހުރި ބޯހަރުކަން ދޫކޮށްލައި މަސްލަހަތު އިސް ކުރުމެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ނޭޓޯގެ އަމަލުތައް ހުރީ ގައުމުތަކުން އެއްބަސްވެފައި ހުރި މުއާހަދާތަކާ ފުށުއަރާ ގޮތަށެވެ. މިނިވަން މުސްތަގިއްލު ގައުމެއްގެ އިމަށް ނޭޓޯ ކަހަލަ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައި އޮތް ޖަމާއަތެއް ވަނުމަކީ ލަދުގަންން ޖެހޭ ވަރުގެ ކަމެއް ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

ރަޝިއާ އާއި ނޭޓޯ އެއްބަސްވެފައި ހުރި އުސޫލުތަައް ދެމެހެއްޓުމަކީ ނޭޓޯއަށް އަދި ރަޝިއާއަށް ވެސް ލާޒިމު ކަމެއް ކަމަށް ރަޕްކޯފް ވިދާޅުވި އެވެ.

ރަޝިއާއަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރަން މަސައްކަތްކުރާ ކަމަށް ރަޕްކޯފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާއަށް ރަޝިއާއިން ހުށަހެޅި ނުކުތާތަކާ މެދު ވިސްނައި އަވަސް ޖަވާބެއް ދިނުމަށް އެދޭ ކަމަށެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯޓެންބާގް ޑިސެމްބަރު 26 ގައި ވިދާޅުވި ގޮތުން ނޭތޯ އޮތީ ރަޝިއާއާ މަޝްވަރާ ކުރަން ތައްޔާރަށެވެ. އޭނާ އަދި ވިދާޅުވީ ޖެނުއަރީ 12 ގައި މަޝްވަރާތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަޝިއާ އާއި އެމެރިކާ އަދި ނޭޓޯ ހިމެނޭ ގޮތުން މަޝްރަހަށް ވާންވެގެން މިހާރު އުޅޭ ސަބަބަކީ ޔުކްރޭނާ ވަރަށް ގާތަށް ރަޝިއާގެ އަސްކަރީ ފައުޖުތައް ޖަމާކުރުމުންނެވެ. އެމެރިކާއާ ހުޅަނގުން ދެކޭ ގޮތުން ރަޝިއާގެ އެދުމަކީ ޔުކްރޭނަށް އަރައިގަތުންނެވެ.

އެހެން ނަމަވެސް ރަޝިއާ ބުނާ ގޮތުން މައްސަލައަކީ ނޭޓޯގެ ފައުޖުތައް ރަޝިއާއާ މާގާތުގައި ހާލިހެދުމެވެ. އަދި ބަރުހަތިޔާރާ އެކު ޔުކްރޭންގެ އަސްކަރިއްޔާ ގާބިލުކުރަން މަސައްކަތްކުރުމެވެ.