ހުޅުމާލެ

ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން އަންނަ އަހަރު

Dec 30, 2021

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަންގެ މަސައްކަތްތައް ނިންމާ، އަންނަ އަަހަރުގެ ކުރީކޮޅު ހިދުމަތް ދޭން ފަށާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ދެވަނަ ފިޔަވަހީގައި ޕޮލިސް ސްޓޭޝަން އިމާރާތް އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގަމުންދާ ކަމަށެވެ. ޕޮލިސް ސްޓޭޝަން ހުޅުވުމާ އެކު އެކަށީގެންވާ އަދަދަށް ފުލުހުން ހަމަޖެއްސުމަށްފަހު ފުލުހުންދޭ ހުރިހާ ހިދުމަތެއް އެ ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.

"ފޭސް ދޭކަކީ ގިނަ ބަޔަކު ޒިޔާރަތްކޮށް އަދި ގިނަ މަސައްކަތްތަކެއްވެސް ކުރަމުންދާ ސަރަހައްދަކަށް ވުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދީގެން ފުލުހުން އެތަނުގައި މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން، ޕެޓްރޯލްކުރުމާއި ކުށުން ރައްކާތެރިކުރުމަށް ރައްޔިތުންނަށް މައުލޫމާތުދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ރާވައި ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ."

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ފުލުހުންނަށް އެންމެ ގިނައިން ހުށަހަޅަނީ ވައްކަމުގެ މައްސަލަތަކާއި އެކްސިޑެންޓުގެ މައްސަލަތަކެވެ. ވައްކަމުގެ މައްސަލަތައް ގިނައިން ހުށަހަޅާފައިވަނީ މަސައްކަތްކުރަމުންދާ ސައިޓުތަކުން ވައްކަންކޮށްގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގެ މައްސަލަތަަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުންނާއި މަގަށް ދޭންވާ އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ގަވާއިދާ ހިލާފަށް ޔޫޓާން ނެގުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓްތައް ގިނަ ކަމަށެވެ. އަދި އެ ސަރަހައްދުގެ މަގުތަކަކީ އެކަށީގެންވާ އަލިކަން ނެތް މަގުތަކަށް ވާއިރު އުޅަނދުގެ ފަހަތު ލައިޓް ނުދިއްލި ހުރުމުގެ ސަބަބުން އަދި މަގަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުން ހިނގާފައިވާ އެކްސިޑެންޓުތައް ގިނަ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ދެވަނަ ފިޔަވަހިން ހުށަހެޅޭ މައްސަލަތައް މަދުކޮށް، އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުންނާއި އެޗްޑީސީ އަދި ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހުށަހެޅޭ މައްސަލަތައް މަދުކުރުމަށްޓަކައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ތަފާތު މަސައްކަތްތައް ކުރާ ފަރާތްތަކުން ފުލުހުންނަށް މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ތެރެއިން 1،000 ފްލެޓަށް ވުރެ ގިނަ ފްލެޓްގައި މިހާރު މީހުން ދިރިއުޅެ އެވެ. އެމީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ ވެސް އެ ސަރަހައްދުގައި ހިނގާ ވައްކަމުގެ މައްސަލަތައް އިތުރުވަމުން ދިއުމެވެ.