ސުޕްރީމް ކޯޓް

ރިހިވެލި އެއްބަސްވުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

Dec 30, 2021

ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރި މައްސަލާގައި ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމް، ސުޕްރީމް ކޯޓުގައި މިއަދު އިސްތިއުނާފް ކޮށްފި އެވެ.

ހައި ކޯޓުން މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މާހަލް ޓުއާސް އިން ރިހިވެލި ރިސޯޓް ސަބްލީސް ކުރީ ސޭވް ދަ ޑްރީމް ފްރާންސަށް ނޫން ކަމަށްވާތީ ސަބްލީޒް އެއްބަސްވުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ދައުވާކުރުމުގެ ހައްގު ލިބިފައި ނުވާ ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި މައްސަލާގައި އެދިފައިވަނީ ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު އޮތް ކަމަށް ކަނޑައަޅައިދިނުމަށާއި އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓަށް އެންގުމަށެވެ.

ރިހިވެލި ރިސޯޓްގެ މައްސަލައެއް ސުޕްރީމް ކޯޓުގައި މީގެކުރިން ހިނގަމުން ދިޔައިރު ވެސް ސޭވް ދަ ޑްރީމުން އެ މައްސަލަ އަށް ތަދައްހުލްވެ ވަގުތީ އަމުރެއް ހޯދުމަށް އޭރުވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ހައިސިއްޔަތު ނެތް ކަމަށް ނިންމާ ސުޕްރީމް ކޯޓުން އޭރު ވެސް ސޭވް ދަ ޑްރީމް ފްރާންސުން އެދުނު ފަދަ އަމުރެއް ނުދިނެވެ.

ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރި މައްސަލަ ސޭވް ދަ ޑްރީމް ފްރާންސުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ވެސް މީގެކުރިން ހުކުމްކޮށްފައިވެ އެވެ.

ސިވިލް ކޯޓުން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ ރިހިވެލި ރިސޯޓް ހިންގުމަށް ސޭވް ދަ ޑްރީމް މޯލްޑިވްސް އާއި އެކު މާހަލް ޓްއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަދާފައިވާ ސަބްލީސް އެއްބަސްވުން ބާތިލްކުރުމަށް މާހަލް އިން ފޮނުވާފައިވާ ނޯޓިހަކީ ސައްހަ ނޯޓިހެއް ކަމަށް ކަމަށެވެ. އެ ނޯޓިސްގެ ދަށުން ސަބްލީސް އެއްބަސްވުން ބާތިލްވެފައިވާތީ ސޭވް ދަ ޑްރީމް މޯލްޑިވްސް އަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ބީޗު ރިސޯޓުގައި އިތުރަށް ދެމިތިބުމުގެ ނުވަތަ އެ ތަނުން މަންފާ ހާސިލްކުުރުމުގެ ހައްގެއް ލިބިގެން ނުވާ ކަމަށް ހުކުމްގައިވެ އެވެ.

މާހަލް ކުންފުނިން ބުނާ ގޮތުގައި އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމުގައިވާ ގޮތަށް ހެޑްލީސް ރެންޓާއި، ސަބްލީސް ރެންޓު، ސޭވް ދަ ޑްރީމް ކުންފުނިން ދައްކާފައި ނުވާތީ އެވެ. ސަބްލީސް ރެންޓުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އަދި ހެޑްލީސް ރެންޓުގެ ގޮތުގައި 323،188 ޑޮލަރު ނުދައްކައި އޮތް ކަމަށް މާހަލް އިން ބުނެ އެވެ.

ރިހިވެލި ރިސޯޓުގެ ސަބްލީޒް އެއްބަސްވުން ބާތިލްކުރި މައްސަލައެއް ކޯޓުގައި ހިނގަމުންދާއިރު މާހަލްއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކިިޔާ ކުންފުންޏަކުން މިހާރު ދަނީ އެ ރިސޯޓް ހިންގަމުންނެެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ހިއްސާވާ ކުންފުންޏެކެވެ.