ދިރާގު

ދިރާގު ކަލަންޑަރުގައި ޓޫރިޒަމް ރަން ޔޫބީލް

Dec 31, 2021

ކޮންމެ އަހަރަކު ވެސް ދިރާގު ކަލަންޑަރު ހާއްސަވެ އެވެ. ކޮންމެ އަހަރުކު ވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމަކީ އެ ކުންފުނީގެ އާދަ އެކެވެ. މިގޮތުން އަންނަ އަހަރުގެ ކަލަންޑަރު ހާއްސަކޮށްފައިވަނީ ޓޫރިޒަމްގެ ރަން ޔޫބީލް އަށެވެ.

އަންނަ އަހަރުގެ ކަލަންޑަރު ދިރާގުން ތައްޔާރުކޮށްފައިވަނީ ޓޫރިޒަމް ސިނާއަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލި އަޅުވާލައިގެންނެވެ.

ދިރާގު ޓޫރިޒަމް ރަންޔޫބީލްގެ ކަލަންޑަރު ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށެވެ. ރާއްޖޭގައި އުފެދުނު އެންމެ ފުރުތަމަ މުއާސަލާތީ ހިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވާލުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

"2022ގެ ދިރާގު ކަލަންޑަރު ފަތުރުވެރިކަމުގެ ރަން އަހަރަށް ހާއްސަކުރި ކަމީ ދިރާގާއި ފަތުރުވެރިކަމުގެ ސިނާއަތާއި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް. އަދި މިކަލަންޑަރު ފަރުމާކުރުމުގައި ފަތުރުވެރިކަމުގެ މުހިއްމު މަރުހަލާތައް ދައްކުވައިދީފައިވާތީ މި ކަލަންޑަރު ފަތުރުވެރިކަމުގެ ރަން އަހަރާއި ވަރަށް ގުޅޭ. ދިރާގުން ޓޫރިޒަމް މިނިސްޓްރީއާއި ބާއްވަމުންދާ ހާއްސަ ގުޅުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މައުސޫމް ވިދާޅުވި އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ހާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދައިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ދިރާގަކީ އަބަދު ވެސް ރާއްޖޭގެ އެކި ސިނާއަތްތަކުގެ ކުރިއެރުން ފާހަގަކޮށް އެ މަސައްކަތުގެ އަގުވަޒަން ކުރަމުން އަންނަ ދިވެހި މުއާސަލާތީ ހިދުމަތްދޭ ކުންފުންޏެކެވެ.