ބޭރު ކުޅިވަރު

އާސެނަލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކުލަބާ ދުރަށް

ރެކޯޑް އަދަދަކަށް އާސެނަލް އަށް ބަދަލުވި ގެބޯންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އުބަމޭޔަންގް އެޓީމު ދޫކޮށްލުމަށް ތައްޔާރުވެއްޖެ އެވެ.

އުބަމޭޔަންގް އާސެނަލް ދޫކޮށްލަން އުޅޭ އަޑުތައް ގަދަވެފައި މިވަނީ މިއަހަރު ޔޫރަޕްގެ ބޮޑު މުބާރާތަކުން ފުރުސަތު ހޯދުމަށްޓަކައި ވަރުގަދަ ކުޅުންތެރިންތަކެއް ގެނައުމަށް އާސެނަލުން މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގަ އެވެ.

އުބަމޭޔަންގް 2018 ވަނަ އަހަރު ޖަރުމަންގެ ބުރޫޝިއާ ޑޮޓްމަންޑް އިން 55 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ކުރިންވެސް އާސެނަލަށް ގެނައި އެތައް ކުޅުންތެރިންނެއް އެއްބަސްވުމުގެ މުއްދަތު ހަމަނުވަނިސް އެ ޓީމު ދޫކޮށްލާފައިވެ އެވެ. އުބަމޭޔަންގް ވެސް އެފަދަ ކުޅުންތެރިން ގޮތަށް އާސެނަލް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެެވެ. މީޑިއާ ރިޕޯޓްތަކާ ގުޅިގެން އާސެނަލުން ވަނީ އުބަމޭޔަންގްގެ ނަން އެ ޓީމުގެ ސްކޮޑުން އުނިކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ މިރާ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އުބަމޭޔަންގް ގެންދަން މަޝްހޫރު ބައެއް ކުލަބްތަކުން ބޭނުންވެ އެވެ. އޭގެތެރޭގައި ސްޕެއިންގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް ވެސް ހިމެނެ އެވެ. މި ލިސްޓްގައި ފްރާންސްގެ ލީގު ވަންގައި ވާދަކުރާ އޭއެސް ސައިންޓް އެޓެންނޭ ވެސް ހިމެނެ އެވެ. ރެގިލޭޓްވުމުގެ ބިރާ ކުރިމަތިލާންޖެހިފައިވާ ސައިންޓް އެޓެންނޭ އަކީ އުބަމޭޔަންގްގެ އެންމެ ޒުވާން ދުވަސްވަރު އެ ޓީމަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ.

އުމުރުން އެންމެ 19 އަހަރުގައި ގެބޯންގެ ގައުމީ ޓީމުން ޖާގަ ހޯދި އުބަމޭޔަންގްގެ މަންމަ ބަލިވުމުން އޭނާ މިވަގުތު ހުރީ ފްރާންސްގަ އެވެ. އޭނާ ވަނީ 2016 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފަ އެވެ.

އާސެނަލް އަށް ބަދަލުވި ފަހުން އުބަމޭޔަންގް އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2018-2019 ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލް ޖަހައިގެން ރަންބޫޓް ލިބުމެވެ.