ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އާ އޯޕީޑީ އިމާރާތުގެ މަސައްކަތް ފަށައިފި

Jan 2, 2022

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އޯޕީޑީ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ.

އެކުންފުނިން މިއަދު ބުނީ އެ މަސައްކަތް އަމަލީ ގޮތުން ފެށީ މިދިޔަ ހަފްތާގައި ޑިސެމްބަރު 23 ވަނަ ދުވަހު ކަމަށެވެ.

މިމަޝްރޫއުގެ ދަށުން 21 ކޮންސަލްޓޭޝަން ރޫމާއި، ޕްރޮސީޖަ ރޫމަކާއި، ޓްރީޓްމަންޓް ރޫމަކާއި، އީސީޖީ ރޫމަކާއި، އެކޯ ރޫމެއްގެ އާ ކާޑިއެކް ސެންޓަރަކާއި ރިސެޕްޝަން އަދި ވެއިޓިން އޭރިއާއެއް ހަދާނެ އެވެ.

ދައުލަތުގެ ބަޖެޓުން 20.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ އަތޮޅު ތެރޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން މިވަގުތު އެއްފަހަރާ ފަރުވާ ދެވެނީ 36 މީހުންނަށެވެ. އެމްޓީސީސީން އަލަށް ހަދާ އިމާރާތާއެކު އެނދުގެ އަދަދުތައް އިތުރުވެ ހިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.