އެޗްޕީއޭ

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވުމުން ސަމާލުވުމަށް އެދިއްޖެ

Jan 2, 2022

ރާއްޖޭގައި މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުމުގެ އިތުރަށް އާދަޔާ ހިލާފަށް ކަރުހިއްކުމާއި، ބޮލަށް އެނބުރުން އެރުމާއި، ކުޑަކަމުންދެވޭ މިންވަރު މަދުވުމާއި، ގިނަގިނައިން ހޮޑުލެވުމާއި، އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުންކުރެވޭ ގޮތް ނުވުމާއި އަދި ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދެވޭ ތަކެތީގައި ލޭގެ އަސަރު ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ބޭރަށް ހިނގާނަމަ ކުރެވިދާނެ ކަންކަން:

  • ގިނަ ގިނައިން ލޮނު ޕެކެތް، ފެން އަދި ސޫޕް ފަދަ ދިޔާ ތަކެތި ބޭނުންކުރައްވާ
  • ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮއުން
  • އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރުން
  • ބޭރަށް ހިންގުމުގެ އަލާމާތްތައް ނުފެންނަތާ އެއް ދުވަސް ވަންދެން ސްކޫލަށް ނުފޮނުވުން، މަސައްކަތަށް ނުނިކުމެ ގޭގައި އަރާމުކުރުން

ރާއްޖޭގައި މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވެފައިވާއިރު އަރިދަފުސް ރޯގާ ޖެހިގެން ގިނަ ބަޔަކު މިދިޔަ އަހަރު ރިޕޯޓްކޮށްފައިވެ އެވެ.=