ހަބަރު

ބްރިޖް އަޅަން މި މަހުގެ 24 ގައި ފަށަނީ

Dec 15, 2015
2
  • އެރޭ ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ
  • ބްރިޖްގެ ތަފްސީލް މައުލޫމާތު އެ ދުވަހު ހާމަ ކުރާނެ
  • ބްރިޖްގެ އަގަކީ 200 މިލިއަން ޑޮލަރު

ހުޅުލެ- މާލެ ބްރިޖް އެޅުމުގެ މަަސައްކަތް އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު، މި މަހުގެ 24 ވަނަ ދުވަހު ފަށާ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.

ބްރިޖުގެ މަސައްކަތާއި ގުޅިގެން މުއިއްޒު ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުލެ އާއި މާލެ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތް މިމަހު 24 ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށެވެ.

މިނިސްޓަރު، "އަވަސް" އަށް ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތު އޮންނާނީ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެ ރަސްމިއްޔާތު ބާއްވާ އިރު ބްރިޖް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ރަސްމިއްޔާތުގެ މައިގަނޑު މަގުސަދަކީ، ބްރިޖްގެ ތަފްސީލީ ފުރިހަމަ މައުލޫމާތު އާންމުންނާ ހަމަޔަށް ގެނެސް ދިނުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މި ރަސްމިއްޔާތަކީ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު. މިހާރުވެސް މިވަނީ ސަރަހައްދު އެކީ ބަނދުކޮށް މޮބިލައިޒް ކުރުން ފަދަ ކަންތައްތައް ފެށިފަ. ދެން އެރެއިން ދުވަހުން ފެށިގެން ބްރިޖު އެޅުމުގެ އަމަލީ މަސައްކަތް ރަސްމީގޮތުން ފެށުނީ،" މުއިއްޒު ވިދާޅުވި އެވެ.

ބްރިޖް މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިންއާ އެވެ. އެ ކުންފުނީގެ ޓީމްތައް އައިސް ބްރިޖާ ގުޅުން ހުރި ސައިޓްތައް ވަނީ ބަލައިފަ އެވެ. އަދި ބްރިޖް މަސައްކަތް ފެށުމަށް ރާޅުގަނޑު ސަރަހައްދު އޮތީ އެކީ ބަންދުކޮށްފަ އެވެ.

އެ ކުންފުނިން ބްރިޖްގެ މަސައްކަތް ކޮށްދެނީ 200 މިލިއަން ޑޮލަރަށެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާގެ ހިލޭ އެހީ އެވެ. އަނެއް ބައި ދެނީ ލުއި ލޯނުގެ ގޮތުގަ އެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑިޝިޕް ބްރިޖް"ގެ ނަމުގައި އަޅާ ބްރިޖްގެ ދިގުމިނުގައި ޖުމްލަ 2 ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދު ތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު ހުންނާނެ އެވެ. ބްރިޖް ހަދަނީ އިންޓަނޭޝަނަލް ކާގޯ ސްޓޭންޑަޑްގެ ބަރުދަނަށް ވެސް ބަލައިގެންނެވެ.