އީޕީއޭ

ފްލައިޓަކުން ޖެހި ދޫނިތަކެއް މަރުވި މައްސަލަ ބަލަނީ

ޓްރާންސް މޯލްޑިވިއަން (ޓީއެމްއޭގެ) ފްލައިޓަކުން ޖެހި ކިރު ދޫނިތަކެއް މަރުވި މައްސަލަ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭއިން) ބަލަން ފަށައިފި އެވެ.

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ޓީއެމްއޭގެ ފްލައިޓަކުން ޖެހި ކިރުދޫނިތައް މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ބަލާއިރު މަރުވީ ކިތައް ދޫނިކަން ސާފު ނުވާ ކަމަށާއި އެ ސަރަހައްދަށް އީޕީއޭއިން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިއްޔެ މެންދުރު ފަހު ނ. އަތޮޅު ރިސޯޓެއްގެ ތުނޑިމަތިން ކިރުދޫނިތައް އުދުހެމުން ދަނިކޮށް ޓީއެމްއޭގެ ފްލައިޓެއް އެ ސަރަހައްދުން ހުރަސް ކުރި ވަގުތު ވަނީ ވަރަށް ގިނަ ކިރު ދޫނިތަކެއް މަރުވެފަ އެވެ. އެ ދޫނިތަކުގެ ފޮޓޯތައް ވެސް އާންމުވެފައި ވެއެވެ.

ކިރު ދޫންޏަކީ ރާއްޖޭގައި ހިޔާމަތްކޮށްފައިވާ އެއްޗެކެވެ. ހިމާޔަތް ކޮށްފައި ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން، ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފި ނަމަ 30،000ރ. އާއި 50،000ރ. އާ ދެމެދުގެ ޖޫރިމަނާ ކުރާނެ އެވެ. އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، ގެއްލުން ދިނީ އެއް ދޫނި ނަމަ 20،000ރ. އިން އަދި އެއަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 25،000ރ. އަދި ހިމާޔަތް ކޮށްފައިވާ ދޫންޏެއް ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10،000ރ. ޖޫރިމަނާ ކުރެވެ އެވެ.