އީޕީއޭ

ވަށުގިރި ކުންފުނި ފަސް ލައްކައިން ޖޫރިމަނާ ކޮށްފި

ވ. ވަށުގިރީގައި، ވަށުގިރި ޕްރައިވެޓް ލިމިޓެޑުން ގަވާއިދާ ހިލާފަށް ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމުން 593،750 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ނެރުނު ނުސްބަޔާނެއްގައި ބުނެފައި ވަނީ ވަށުގިރި ޕްރައިވެޓް ލިމިޓެޑްއިން، ވަށުގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ގަވައިދާ ހިލާފަތް ހަދާފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު ގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން އަދި ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދަށް ރިއާޔަތްކޮށް ޖުމްލަ 593،750 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އީޕީއޭއިން ވަށުގިރި ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކުރީ އިއްޔެ އެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކަން ޖެހޭނެ އެވެ.