ހަބަރު

ދެ ކުޅިވަރެއްގެ ކޮލިފިކޭޝަން ނުނިމޭތީ ގޭމްސްގެ އަދަދު ނޭނގިފައި

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިއަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ކުޅިވަރުތައް ޔަގީންވާނީ ބީޗް ވޮލީ އަދި ޓޭބަލްޓެނިސްގެ ކޮލިފައިން މެޗުތައް ނިމުމުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފި އެވެ.

ކޮމަންވެލްތު ގޭމްސްގެ ތައްޔާރީތަކާ ގުޅޭގޮތުން އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހް އަހްމަދު ސައީދު ވިދާޅުވީ މިއަހަރުގެ ގޭމްސްގައި ރާއްޖެއިން ބައިވެރިވާނެ ކަމަށް މިހާތަނަށް ޔަގީންވެފައިވަނީ ތިން ކުޅިވަރެއްގައި ކަމަށެވެ. އެއީ އޯޕަން ސްލޮޓްސްގެ ގޮތުގައި މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ލިބުނު ކުޅިވަރުތަކުގެ ތެރެއިން ސްވިމިން، އެތްލެޓިކްސް އަދި ބެޑްމިންޓަން އެވެ.

ތަމޫހް ވިދާޅުވީ ރާއްޖޭގެ ކްރިކެޓް، ބާސްކެޓް އަދި ނެޓްބޯޅަ ޓީމުވެސް އޮލިމްޕިކްސްގައި ބައިވެރިވުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޮވިޑް 19ގެ ސަބަބުން އެ ތިން ކުޅިވަރުގެ ކޮލިފިކޭޝަން މެޗުތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދިއުމުން މުބާރާތުގައި ވާދަކުރުމަށް އެ ތިން ކުޅިވަރަށް މިހާރު ފުރުސަތު ގެއްލިފައިވާ ކަމަށެވެ.

އޮލިމްޕިކްސްގައި ވާދަކުރެވޭނެކަން ބީޗް ވޮލީ އަދި ޓޭބަލްޓެނިސް އަށް ވެސް ޔަގީންވާނީ އެ ދެ ކުޅިވަރުގެ ކޮލިފިކޭޝަންތައް ނިމުމުންނެވެ. ނަމަވެސް އެ ދެ ކުޅިވަރުގެ ކޮލިފިކޭޝަން މެޗުތަކަށް ވެސް ކޮވިޑް 19ގެ ހިޔަޅި އެޅިފައިވާ ކަމަށްވެސް ތަމޫހް ވިދާޅުވި އެވެ.

"އެހެންވެ މިއަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާނެ ކުޅިވަރުތަކުގެ އަދަދު މިވަގުތު އަދި ބުނަން ދަތި. ބީޗް ވޮލީއާއި ޓީޓީގެ މެޗުތަކަށްވެސް ކޮވިޑްގެ އަސަރު ވަރަށް ބޮޑަށް ފޯރާފައިވަނީ،" ތަމޫހް ވިދާޅުވި އެވެ.

ގޭމްސްގެ ތާރީހީ ދަންމަރު -- ކްއީންސް ބެޓްން ކޮމަންވެލްތުގެ ގައުމުތަކަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހު އިނގިރޭސިވިލާތުންނެވެ.

ގައުމުތަކަށް ދަންމަރު ގެންދިއުމުގެ ދަތުރު 294 ދުވަހުގެ ތެރޭގައި ނިންމާލާނީ މިއަހަރުގެ ޖުލައި 28 ވަނަ ދުވަހު ބާމިންހަމްގައި ފަށާ ކޮމަންވެލްތް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތަށެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުއްމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތުގެ އެއް ގައުމު އަނެއް ގައުމާ އެކު އޮންނަ ގުޅުމެވެ.

ބާމިންހަމް ކްއީންސް ބެޓްން އަށް ރާއްޖެއިން ރަސްމީކޮށް މަރުހަބާ ކިޔާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.