ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން ގޮއިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމުކޮށްފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ބ. ގޮއިދޫގައި ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ގާއިމުކޮށްފި އެވެ.

ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދު ތަރައްގީކޮށްފައިވަނީ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ފަރާތުންނެވެ. އެތަން އާންމުންނަށް ބޭނުން ކުރެވޭނެހެން މިހާރު ވަނީ ހުޅުވާލާފަ އެވެ.

އެ ސަރަހައްދުގައި ހިޔާވާނެ ގޮތަށް ހަޓް ހަދައި، ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ބޭނުންކުރާނެ ތަކެތި ބެހެއްޓުމަށް މޭޒާއި ބެންޗުން ބަހައްޓާފައިވެ އެވެ. އަދި ކުނި އެޅުމަށް އެކި ސަރަހައްދުގައި ވަނީ ޑަސްބިން ވެސް ބަހައްޓާފަ އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފާހަގަކޮށްލެވޭ އެތައް ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"މި ޕްރޮޖެކްޓްތަކާއެކު ރަށްރަށަށް މިވަނީ އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުންވެސް އިތުރު ފުރިހަމަކަމެއް އައިސްފައި. ގޮއިދޫގެ ކުދިބޮޑު އެންމެން ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކޮށްލަށް އުފާވެރި މާހައުލެއް ގާއިމުކުރުމަށް މި ފަންޑުގެ ދަށުން އެހީތެރިވެ އަދި ކާމިޔާބުކަމާ އެކީ ނިންމާލެވުނު ކަމީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް." ސައީދު ވިދާޅުވި އެވެ.

ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމް ވިދާޅުވީ ރަށުގެ ތުނޑި ބާބަކިޔު އޭރިޔާއަކަށް ހެދުމުގެ އެންމެ ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާ ކުރުން ކަމަށެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގުމަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.