މުހައްމަދު ނާޒިމް

ސަރުކާރަށް ފިލާވަޅެއް ދޭން އިންތިހާބަކީ ރަނުގެ ފުރުސަތެއް: ނާޒިމް

Jan 7, 2022
2

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ ސަރުކާރަށާއި އިންތިހާބުގައި ވާދަކުރާ އެހެން ޕާޓީ ތަކަށް ރަނގަޅު ފިލާވަޅެއް ދިނުމަށް ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި އިންތިހާބުގައި ވާދަކުރާ އެއް ޕާޓީ ކަމުގައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ އަބްދުލްހަންނާނަށް ކެމްޕޭން ކޮށްދެއްވުމަށްޓަކައި ރޭ ކޮމަންޑޫގައި އެމްއެންޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންނަށް އެކި ކަންކަން ކޮށްދިނުމަށް ޕާޓތަކުން ވައުދުތައް ވަމުންދާ ކަމަށާއި ރައްޔިތުން އެކަންކަމާ މެދު ވިސްނާ ފިކުުރުކުރަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

"އިންތިހާބުތަކާ ދިމާކޮށް އެކި ބޭފުޅުން ރަށްތަކަށް ވެވަޑައިގެންވާ ވައުދުތައް ފަހުން ވަނީ ބިލާކަަށް،" ނާޒިމް ވިދާޅުވި އެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ނާޒިމް ވިދާޅުވީ ސަރުކާރުން ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިޔަ ނަމަ މަޝްރޫއުތައް އަވަހަށް ނިންމަން ބޭނުންވާ ދުވެލި ނެތް ކަމަށެވެ.

ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމުގައިވާ ކޮމަންޑޫގެ ބިން ހިއްކި ފަހުން އެތައް އަހަރެއްވީ ނަމަވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް ގޯތި ދޫކޮށްފައި ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ކޮމަންޑޫގެ އެތައް ރައްޔިތަކު މާލެއަށް މިހާރު ހިޖުރަކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމަންޑޫއާއި ޖެހިގެން އޮންނަ މަތި ކޮމަންޑޫ، ކޮމަންޑޫއާ ބްރިޖަކުން ގުޅާލުމަށް ވާހަކަދައްކާތާ ވެސް އަހަރުތަކެއް ވެގެންދިޔައިރު އެކަންވެސް ކުރިއަށް ނުދާ ކަމަށް ނާޒިމް ފާހަގަކުރެއްވި އެވެ. ކޮމަންޑޫގައި އެއާޕޯޓެއް އަޅައިދިނުމުގެ ވާހަކަ ދެއްކީ މިސަރުކާރުން ކަމަަށާއި ނަމަވެސް އެ އެއާޕޯޓް މިހާރު ގެއްލިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

"ކިހިނެއްތޯވީ. ހެނދުނު ހޭލިފަހުން އެއާޕޯޓް ގެއްލުނީ. އެއާޕޯޓެއް ނެތް. އެއާޕޯޓް އައުމުގެ އުއްމީދު ވެސް މިހާރު ގެއްލިއްޖެ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އަމާޒެއް ނެތުމުން ކޮމަންޑޫ ދާއިރާގައި ލޯކަލް ޓޫރިޒަމް ވެސް ފުޅާކުރެވިފައި ނުވާ ކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުން ލިބެންޖެހޭ ހަގީގީ ފައިދާ ވެސް ކޮމަންޑޫ ދާއިރާއަށް ލިބެމުންދާ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ހިމެނޭ މަރޮށީގެ ބަނދަރުގެ މައްސަލަ ހައްލުކުރުމަށް ކޮންމެ އަހަރަކު ބަޖެޓުގައި ހިމެނި ނަމަވެސް އެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށް ނާޒިމް ވިދާޅުވި އެެވެ. އަދި އެ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ސިއްހީ މަރުކަޒާއި ސްކޫލުގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށް ވިދާޅުވި އެެވެ.

ކޮމަންޑޫ ދާއިރާގެ ކުރިއެރުމަށް އެ ދާއިރާގެ ކުރީގެ މެންބަރު ހުސައިން ވަހީދު ވަރަށް ގިނަ ވިސްނުންތަކާ އެކު ވަރަށް ގިނަ މަސައްކަތް ފެއްޓެވި ކަމަށާއި ހުސައިންގެ އަމިއްލަފުޅު ހަރަދުގައި ވެސް ކަންތައްތަކެއް ކޮށްދެއްވި ކަމުގައި ނާޒިމް ވިދާޅުވި އެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް އިންތިހާބު ކޮށްދެއްވައިފިނަމަ ހުސައިންގެ ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ވާނީ ކަންކަން ކުރެވޭ ވަރުގެ ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ގާބިލް ބޭފުޅުން ކަމަށެވެ. ނަމަވެސް އެފަދަ މީހުން މަޖިލީހަށް އިންތިހާބު ނުކުރުމުން ފެންނާނެ މަންޒަރު މިހާރުގެ މަޖިލީހުން ފެންނަމުންދާ ކަމަށެވެ. އެމްއެންޕީން މަޖޖިލީހަށް ނެރެފައިވާ ހަންނާނަކީ ތައުލީމު ލިބިވަޑައިގެން ހުންނެވި އަދި 30 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ރައްޔިތުން އެދޭ ގޮތަށް ހަންނާން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.