އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ޝާހިދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.
ޝާހިދު ރާއްޖެ ވަޑައިގެންނެވީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހުމާއި ގުޅިގެން ވާންގް ޔީ އަށް މަރުހަބާ ދެންނެވުމަށާއި ރަސްމީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށެވެ.
އދގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވި ފަހުން މިއަދު މިއީ ޝާހިދު ރާއްޖެ ވަޑައިގެންނެވި ދެވަނަ ފަހަރެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ 6 އިން 9 އަށް ޝާހިދު ވަނީ އދގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ. އޭގެފަހުން ޝާހިދު ހުންނަވަނީ އދގެ މައި މަރުކަޒު ގާއިމުކޮށްފައިވާ އެމެރިކާގެ ނިއުޔޯކުގަ އެވެ.
ޝާހިދު ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އދ.ގެ ރައީސް ކަން ކުރެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ޝާހިދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.