ރާއްޖޭގައި އިންތިހާބެއް ބާއްވާނަމަ އެމްޑީޕީ ފިޔަވާ ވޯޓުދިނުން އައުލާކަން ބޮޑު އެހެން ޕާޓީއެއް އަދިވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާއަށް ފޮނުއްވި އޯޑިއޯ މެސެޖެއްގަ އެވެ.
މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ދިވެހި ރައްޔިތުން ކުރާ އިތުބާރާއި އެމްޑީޕީއާ މެދު ރައްޔިތުންނަށް އޮންނަ ޔަގީންކަން އަބަދުވެސް ވަރަށް ބޮޑު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 65 ގޮޑިއާއި ސަރުކާރު ހިންގަން އެމްޑީޕީއަށް ފުރުސަތު ދިނުމަކީ އެކަމުގެ ހެއްކެއްގެ ގޮތުގައިވެސް ފާހަގަކުރެއްވި އެވެ.
އެމްޑީޕީ އަކީ ރައްޔިތުންނާ ގާތަށް ތަރައްގީ ގެންދިއުމަށްޓަކައި ޖަޒީރާ ދިރިއުޅުމަކަށް އަދި ލާމަރުކަޒީ ސިޔާސަތަކަށް ތާއީދު ކުރާ ޕާޓީއެއް ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ. އެހެންވެ އެމްޑީޕީ އަކީ ރާއްޖެ ތަރައްގީކުރަން އޮތް ވަސީލަތެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެެވެ.
"އެމްޑީޕީ ނޫނީ ވޯޓު ދިނުން އައުލާކަން ބޮޑު ޕާޓީއެއް އަދިވެސް ނެތް. އެކަން ކަށަވަރު ކޮށްދޭންވީ އަނެއްކާވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގައި ގިނަ އަހަރުތަކަކު އެމްޑީޕީން ވެރިކަން ކުރަމުން ދިއުމަކީ ވެސް ރައްޔިތުންނަށް އެންމެ ގިނަ ފައިދާ ލިބެން އޮތް ގޮތް ކަމަށެވެ. އެމްޑީޕީގެ ސިޔާސަތުތައް ހުންނާނީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ލިބޭ ގޮތަށް ކަމަށްވާތީ ކުރިއަށް އޮތް އިންތިހާބުގައި ބޮޑުތަނުން ތިލަފަތް ބަރު ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަކީ އެމްޑީޕީން ބޭނުންވެގެން ކުރިމަތިލާންޖެހުނު އިންތިހާބެއް ނޫން ކަމަށެވެ. އެ އިންތިހާބުގައި އަލުން ވާދަކުރަން ޖެހުނީ ހުސައިން އަވަހާރަވުމާ ގުޅިގެން ހުސައިން ކުރެއްވި މަސައްކަތް ކުރެއްވުމަށް ކަމުގައިވެސް ވިދާޅުވި އެވެ.