އިންޑިޔާގެ ތިހާރު ޖަލުގައި ހުރި މީހަކު މޯބައިލް ފޯނެއް ދިރުވާލައިގެން ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި އެވެ. އެމީހާ ފޯނު ދިރުވާލީ ޖަލުގެ ގޮޅިތައް ފާސް ކުރަން ޖަލު ބަލަހައްޓާ އޮފިސަރުން ވަނުމުންނެވެ. އެ ފޯނަކީ ޖަލަށް ވަގަށް ވައްދައިގެން އުޅޭ ފޯނަކަށް ވާތީ ފޯނު ފެނިދާނެ ކަމުގެ ބިރަށް އެމީހާ ފޯނު ދިރުވާލީ އެވެ.
ތިހާރު ޖަލުގެ ޑީޖީ (ޕްރިޒަން) ސަންދީލް ގޮއެލް އިންޑިއާގެ ނިއުސް އެޖެންސީއަކަށް ދެއްވި އިންޓަވިއު އެއްގައި ހުކުރު ދުވަހު ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހު އެ ޖަލުގައި ހުރި މީހަކު މޯބައިލް ފޯނެއް ދިރުވާލާފައިވާ ކަމަށެވެ.
އެމީހާ ފޯނު ދިރުވާލީ ޖަލުގެ އޮފިޝަލަކު އެ މީހާ ފާސް ކުރަން އަންނަން ފެށުމުން ފޯނު ފެނިދާނެތީ ބިރުން ކަމަށް ވެސް ޑީޖީ ވިދާޅުވި އެވެ.
އެމީހާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އޭނާގެ ހާލު ގޯސްވަމުން ނުދާ ކަމަށް ވެސް ސަންދީޕް ވިދާޅުވި އެވެ. ނަމަވެސް އަދިވެސް ފޯނު އޮތީ އެމީހާގެ ބަނޑުގަ އެވެ. ފޯނު ނެގޭތޯ ޑޮކްޓަރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ޖަލު ތަކުގައި ވަރަށް ތަފާޓު ހާދިސާތައް ކޮންމެ ދުވަހަކުހެން ހިނގަ އެވެ. އެގޮތުން ޕެނަމާ ޖަލެއްގައި މިދިޔަ އަހަރު ހިނގި ހާދިސާއެއްގައި ބުޅަލެއް ލައްވާ ޖަލަށް ޑްރަގް ސްމަގްލް ކުރަން ގައިދީންތަކެއް މަސައްކަތް ކޮށްފައި ވެއެވެ.
ޑްރަގްތައް ރައްކާ ކޮށްފައި ހުރީ ބުޅަލުގެ ކަރުގައި އައްސާފައިވާ ފޮތިގަނޑެއްގަ އެވެ. ބުޅާ ވަދެގެން ދަނިކޮށް ހުއްޓުވައި ޖަލު އޮފިސަރުން އެ ސޮރު ފާސް ކުރުމުން މަސްތުވާ އެއްޗެތި ވަނީ ފެނިފަ އެވެ. މި ޖަލަކީ 1700 މީހުން ތިބޭ ޖަލެކެވެ.