ރަޝިއާ އާއި ޔުކްރޭނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން ހައްލު ކުރަން ޔޫރަޕިއަން ޔޫނިއަނާ މަޝްވަރާ ކުރުމަށް ވުރެ ސީދާ އެމެރިކާއާ މަޝްވަރާ ކުރުން ބުއްދިވެރި ކަމަށް ޕޫޓިން ދެކެވަޑައިގަންނަވާ ކަމަށް ފްރާންސުން ބުނެފި އެވެ.
ފްރާންސްގެ ފޮރިން މިނިސްޓަރު ޖޯ އީވް ލެދުރިއަން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ރަޝިއާގެ ވިސްނުމަކީ ޔޫރަޕިއަން ޔޫނިއަން އެއްފަރާތް ކުރުމެވެ.
ލެދުރިއަން ވިދާޅުވި ގޮތުގައި ރަޝިއާއިން އަދި ވެސް ގެންދަނީ ޔުކްރޭން ބޯޑަރަށް އަސްކަރީ ފައުޖުތައް ޖަމާ ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސެޓެލައިޓް ފޮޓޯތަކުންނާއި ޖާސޫސީ މައުލޫމާތުން އެނގޭ ގޮތުގައި ޔުކްރޭންގެ ފުޅަށްބުޑުގައި މިހާރު ވެސް ރަޝިއާގެ އެއްލައްކަ ސިފައިން އެބަ ތިއްބެވެ.
ރަޝިއާއިން ޔުކްރޭން ބޯޑަރުގައި ކުރު ރާސްތާ މިސައިލް ބަހައްޓަން އުޅޭ ކަމަށް ވެސް ޔޫރަޕުން ޝައްކުކުރެ އެވެ. މިކަމާ ބެހޭ ގޮތުން ރަޝިއާ ބުނެފައި އޮތީ އެމެރިކާއިން ދޫ ނުދީފި ނަމަ ކުރު ރާސްތާ މިސައިލް އަތުޖެހޭ ފަށަށް ގެންދާނެ ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަނާ މަޝްވަރާ ކުރުމަކީ ޕޫޓިން އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް ވެސް ފްރާންސްގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ރަޝިއާ ދެކޭ ގޮތުގައި ޔޫރަޕިއަން ޔޫނިއަނާ ވާހަކަ ދައްކަން ހަދައިގެން ގެއްލޭނީ ވަގުތެކެވެ. އެއިރުން އޮންނާނީ ޔޫރަޕަށް ވަކި ގޮތެއް އެމެރިކާއަށް ވަކި ގޮތެކެވެ.
ރަޝިއާ ސިފަކުރާ ގޮތުގައި ޔުކްރޭންގައި ހިނގަނީ ޔޫރަޕާ ގުޅުން ހުރި މައްސަލައެއް ނޫނެވެ. ނޭޓޯ ނިވާފަތްގަނޑަކަށް ހަދައިގެން ޔޫރަޕް ގައުމުތަކުން ފައުޖުތައް ޔުކްރޭނަށް ޖަމާ ކުރަނީ މަތިންބައިން ޖެހިގެނެވެ.
ޔުކްރޭނަށް ދިމާވެފައި އޮތް ކަންބޮޑުވުމަކީ މާބޮޑަށް ހުޅަނގަށް އިތުބާރުމުން ދިމާވެފައި އޮތް މައްސަލައެއް ކަމަށް ޕޫޓިން ވިދާޅުވި އެެވެ. އޭނާ ވިދާޅުވި ގޮތުގައި އާހިރުގައި ހުރިހާ ގެއްލުމެއް ލިބޭނީ ޔުކްރޭނަށެވެ.
އެމެރިކާ އާއި ޔޫރަޕަކީ ޔުކްރޭނަށް ހެވަށް އެދިގެން އުޅޭ ބައިގަނޑެއް ނޫން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އެމީހުން ތަންފީޒު ކުރަން ބޭނުންވަނީ އެމީހުންގެ އަމިއްލަ އެޖެންޑާއެއް ކަމަށާއި ޔުކްރޭނުން ކުރާ ކަމެއްގެ ސަބަބުން ސަރަހައްދީ މަސްލަހަތު ގެއްލުން އެކަށީގެންވާ ކަމަށެވެ.