ދުނިޔެ

މެކްރޮންއަށް ލިބޭނީ ނެޕޯލިއަނަށް ލިބުނު ލަނޑު: ރަޝިއާ

ރަޝިއާއާ ހަނގުރާމަކުރަން އަމިއްލަ ސިފައިން ޔުކްރޭނަށް ފޮނުވަން ޖެހިވަޑައިގަތުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވުމާ ގުޅިގެން ހުޅަނގުގެ ލީޑަރުންގެ މެދުގައި ވަރަށް ބޮޑަށް ނުތަނަވަސްކަން އޮތީ ފެތުރިފަ އެވެ.

މެކްރޮން މިހެން ވިދާޅުވުމާ ގުޅިގެން އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ސިފައިން ނުފޮނުވާނެ ކަމަށް ބުނެފަ އެވެ. ޖަރުމަނުން ވެސް ބުނީ ސިފައިން ނުފޮނުވާނެ ކަމަށެވެ.

މެކްރޮންއަށް ރައްދުދެއްވައި ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ޗެއާމަން ވިޗިސްލޯފް ވަަލޯޖިން ވިދާޅުވި ގޮތުގައި، މެކްރޮން އެ އުޅުއްވަނީ 1812 ވަނަ އަހަރު ރަޝިއާ ހިފަން އެރި ނެޕޯލިއަން ބޮނަޕާޓްގެ ސިފައިންނަށް ކަންތައް މެދުވެރިވި ގޮތް ހަނދުމަނެތިގެންނެވެ.

ފަރަންސޭސިވިލާތުން ޔުކްރޭނަށް ސިފައިން ފޮނުވައިފިނަމަ، ރަޝިއާއަށް އެރި ނެޕޯލިއަންގެ 600،000 އަށް ވުރެ ގިނަ ސިފައިން މަރުވެ ދިޔަ ގޮތަށް ވުރެ ހިތްދަތިކޮށް މަރުވެގެން ދާނެ ކަމަށް ޗެެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެކްރޮން އެ އުޅުއްވަނީ ނެޕޯލިއަނަށް ވެ ވަޑައިގަތުމަށް ކަމަށެވެ. ނެޕޯލިއަނަށް އެފަދަ ހިތްދަތި ހާލެއް އޭރު ޖެހުނުއިރު، މެކްރޮންއަށް އެއަށް ވުރެ ހިތްދަތި ހާލެއް މިހާރު ޖެހެނޭނަކަން ކަށަވަރު ކަމަށް ވިދާޅުވި އެވެ.

ފަރަންސޭސިވިލާތުގެ ރައީސަށް އޮންނަ ބާރުތަކަށް ވުރެ ބޮޑު ބާރުތަކެއް ހޯއްދެވުމަށް، ފަރަންސޭސިވިލާތް ފަނާވެ ހިނގައިދާނެ ހިޔާލެއް މެކްރޮންއަށް ވިސްނިވަޑައި ނުގަތް ކަމާ މެދު ހިތާމަކުރައްވާ ކަމަށް ޗެއާމަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެކްރޮންގެ ވިސްނުން ހުރީ އޭނާ ދައްކަވާ މަގުން ހިނގާ ބަޔަކު ގޮސް ތިންވަނަ ބޮޑު ހަނގުރާމަ ފަށާ ގޮތަށް ކަމަށެވެ.

ޔުކްރޭނަށް ހުޅަނގުން ސިފައިން ފޮނުވައިފިނަމަ، ނޭޓޯގެ ހުރިހާ ގައުމަކަށް ހަމަލާދޭނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާއާއި ނޭޓޯއާ ދެމެދު ކުރެވޭ ހަނގުރާމައެއްކަން ރަސްމީކޮށް އިއުލާން ކުރުމަކީ -- އެ ބަޔަކަށް ކުރެވޭނެ ހިތާމަވެރި ކަމެއް ކަމަށް ވަގުތު ބުނެދޭނެ ކަމަށް ރަޝިއާ ބުންޏެވެ.

މެކްރޮންގެ މި ވިދާޅުވުމާ ގުޅިގެން ޔޫރަޕްގެ ލީޑަރުން މިހާރު ތިއްބެވީ ހީކަރުވާފަ އެވެ. ރަޝިއާއާއި އިންވެގެން އޮތް ގައުމުތަކުގެ ބޯޑަރަށް ރަޝިއާ ސިފައިން ބަރުހަތިޔާރާ އެކު ޖަމާކުރުމަކީ އެ ގައުމުތަކުގެ އަސްކަރިއްޔާއަށް ބުރަ ބޮޑުވާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ދެ ގައުމުގެ ބޯޑަރު ބެލެހެއްޓުމަށް މިހާރު ތިބޭ މަދު ސިފައިންގެ ބަދަލުގައި ފައުޖުތައް ޖަމާކުރަން ޖެހުމަކީ އިގުތިސާދީ ގޮތުންވެސް އެ ގައުމުތަކަށް ލިބޭ ބުރައަކަށް ވާނެ އެވެ.