ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ށ. ކޮމަންޑޫ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
ރައީސް ސޯލިހް ކޮމަންޑޫ އަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕޭން ލޯންޗް ކުރެއްވުމަށެވެ.
ރައީސް ސޯލިހް ކޮމަންޑޫ އަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ ކޮމަންޑޫއާ ވަރަށް ގިނަ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާ ބައެއް މަޝްރޫއުތައް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށް އިއުލާންކުރެއްވި އެވެެ. އަދި އެރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއެކު ރަށުން ގޯތި ދޫކުރާނެ ކަމަށާއި ކޮމަންޑޫ ކައިރީގައި އޮތް ރަށްފަތި ކިޔާ ރަށެއްގައި ޓޫރިޒަމް ފެށުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ކޮމަންޑޫގެ ބަނދަރު ވަރަށް ފަހުން ހަދާ ނިމުނު ނަމަވެސް ބަނދަރުގެ ބޭރުތޮށީގައި ކުދި ޑިންގީ އެޅޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް ރަށުގެ ރައްޔިތުން އެދޭތީ މިއަހަރު އެ މަސައްކަތް ފަށާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ގާއިމުކުރުމަށް އެރަށުގެ މަސްވެރިން އެދޭތީ އެ މަސައްކަތް ފެށުމަށްޓަކައި ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް ބީލަމަށް ލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ކޮމަންޑޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ބަޔަކާ ހަވާލުކުރެވިގެން ކުރިއަށްދާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ކޮމަންޑޫ ސްކޫލު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާތީ އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ވާދަކުރަނީ އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.