ވިޔަފާރި

ގަން އެއާޕޯޓުގައި ބޮޑެތި ބޯޓުފަހަރު ޖެއްސޭވަރަށް ރަންވޭ ތަރައްގީކޮށްފި

އައްޑޫ ސިޓީ ގަން އެއާޕޯޓަށް ބޮޑެތި ބޯޓުފަހަރަށް ޖެއްސޭ ވަރަށް އެތަނުގެ ރަންވޭ ތަރައްގީކޮށް ބޭނުން ކުރަން ފަށައިފި އެވެ. އެހެން ނަމަވެސް އަދި މި ނިމުނީ ރަންވޭ ބޮޑު ކުރުމުގެ މަޝްރޫއުގެ އެއްބައެވެ.

އެސްޓީއޯ އާއި ކާސާ ހޯލްޑިންގް އަދި ސަރުކާރު ހިއްސާވާ ޖޮއިންޓް ވެންޗާ އަކުން ތަރައްގީ ކުރާ އެ އެއާޕޯޓްގެ ރަންވޭ ބޮޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޑެންމާކްގެ ހޯގާޑާ އެވެ.

ރަންވޭގެ 2،000 މީޓަރު ބޮޑުކޮށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އާ ހަވާލު ކުރުމަށް މިއަދު އެ އެއާޕޯޓްގައި ބޭއްވި، ރަސްމިއްޔާތުގައި ވާހަކަދައްކަމުން އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު ވިދާޅުވީ ގަން އެއާޕޯޓުގައި ގާއިމް ކުރި ރަންވޭ އާއެކު ގަން އެއާޕޯޓުގައި އެންމެ ބޮޑެތި ބޯޓްފަހަރުތަކަށް ޖެއްސޭނެ ކަމަށެވެ.

"ގަން އެއާޕޯޓްވެގެން ދާނީ އީ ގްރޭޑްގެ މަތިންދާ ބޯޓް ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް، އެގޮތުން ބޮއިން 777 އާއި އޭ އެެއާބަސް 330 އަދި 340 ކެޓަރީގެ ބޯޓްތަކަށް މިހާރު ގަން އެއާޕޯޓް ކޭޓަ ކުރެވޭނެ،" އިބްތިޝާމާ ވިދާޅުވި އެވެ. 

އިބްތިޝާމާ ވިދާޅުވީ ޑެންމާކް ހޯގާޑާ ކުންފުނިން އަންނަ އަހަރުގެ މާޗުމަހަށް އައްޑޫ އެއާޕޯޓު ތަރައްގީ ކޮށް ނިންމާނެ އެވެ. އޭރުން އެ އެއާޕޯޓުގައި ދުނިޔޭގެ ފެންވަރުގެ ޓާމިނަލްއެއް ވެސް ހުންނާނެ ކަމަށް އިބްތިޝާމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޓާމިނަލުން ޑިއުޓީ ފްރީގެ ހިދުމަތްތައް ވެސް ފުޅާ ކުރާނެ ކަމަށެވެ. އަދި މި މަޝްރޫއު މުޅިން ނިމޭ އިރު އެއާޕޯޓު ރަންވޭގައި 3،400 މީޓަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ގަން އެއާޕޯޓް އިތުރަށް ތަރައްގީކޮށް އައްޑޫވެ ވަސީލަތްތައް ދުނިޔޭގެ ފެންވަރަށް ތަރައްގީ ކުރުން އަދި ގަން އެއާޕޯޓަކީ މުޅިން ވެސް ދިވެހިން މަސައްކަތް ކުރާ އެއާޕޯޓަކަށް ވުމުން ވަޒީފާގެ ފުރުސަތުތައް މިހާރަށް ވުރެ ވެެސް އިތުރުވެގެން ދާނެ،' އިބްތިޝާމާ ވިދާޅުވި އެވެ.

އެ ހަފްލާގައި ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އެ މަޝްރޫއާ އެކު އައްޑޫ ސަރަހައްދަށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރި ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ރަންވޭ މިހާރު ނިމުނު ވަރުން ވެސް އިންވެސްޓަރުންގެ އުންމީދުތައް އާވާނެ އެވެ.

ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ޖުމްލަ 44 މިިލިއަން ޑޮލަރު ހޭދަވާ އިރު ދުބާއީގެ ގަލްފް ކޮބްލާ އާ ހަވާލުކޮށްގެން އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައިފައި ވަނީ 11.7 މިލިއަން ޑޮލަރަށެވެ.

ގަން އެއާޕޯޓްގައި ސީޕްލޭން ހަބެއް ވެސް ގާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ. އެ މަސައްކަތްތައް ވެސް މިހާރު ވަނީ ފެށި އެވެ.