ކްރިމިނަލް ކޯޓް

މަސްތުވާތަކެތީގެ ދައުވާ ލިބުނު ބިދޭސީއަކު ސަލާމަތްވެެއްޖެ

Jan 9, 2022
3

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އާރިފް ދައުވާ އިން ސަލާމަތްވެއްޖެ އެވެ.

އާރިފް ހައްޔަރުކުރީ ޖޫން 29، 2018ގައި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ކަސްޓަމަސްގެ އޮފިސަރުންނަށް މަސްތުވާތަކެތި ފެނުނީ އޭނާގެ ދަބަސް ޗެކް ކުރިއިރު ދަބަހުގައި އޮތް ދެ ބެޑްޝީޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓަ އެވެ. ކަސްޓަމްސް އޮފިސަރުން އާންމު އުސޫލުން އާރިފްގެ ދަބަސް ޗެކް ކުރީ އޭނާ އަށް ޝައްކު ކުރެވިގެނެއް ނޫނެވެ.

އާރިފްގެ ދަބަހުން ފެނުނު މަސްތުވާތަކެތި ޓެސްޓް ކުރުމުން އެއީ 1.7 ކިލޯގެ ކެނަބިސް ކަމަށް ވަނީ ޔަގީންކުރެވިފަ އެވެ. އެހެންވެ ދައުލަތުން އޭނާގެ މައްޗަށް އުފުލީ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ހުރިހާ އަޑުއެހުމެއްގައި އާރިފް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ. އަދި އޭނާގެ ދިފާއުގައި އެއްވެސް ހެއްކެއް ވެސް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް ދައުލަތުން ވަނީ އާރިފްގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި 12 ހެއްކެއް ހުށަހަޅާފަ އެވެ.

ކްރިމިނަލް ކޯޓުން މިމައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ދަބަހަކީ ރާއްޖެއަށް ގެންގޮސްދިނުމަށް އާރިފަށް މީހަކު ހަވާލުކުރި ދަބަހަކަށް ވެފައި އެ ދަބަހުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށާއި އަދި ދަބަސް ހުޅުވާފައިވެސް ނުވާ ކަމަށް އާރިފް ބުނާ ކަމަށެވެ. އާރިފްގެ އެ ވާހަކަތައް ބަލައި ވަޒަންކުރުމަށް ފުލުހުންގެ ތަހުގީގުގައި މަސައްކަތް ކޮށްފައި ނުވާ ކަމަށްވެސް ހުކުމްގައިވެ އެވެ.

މީހެއްގެ މައްޗަށް ކުރާ ދައުވާ ސާބިތުކޮށްދިނުމަކީ ދައުވާ ކުރާ ފަރާތުގެ ޒިންމާ އަކަށްވާއިރު އާރިފްގެ މައްޗަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުން ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުކޮށްދެވިފައި ނުވާ ކަމަށްވެސް ހުމްގައިވެ އެވެ. އެހެންވެ ކޯޓުގެ ހުކުމާ އެކު އާރިފް ވަނީ މިނިވަންވެފަ އެވެ.