ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޭޝް އެޖެންޓުންގެ އަދަދު 100 އަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 100 ކޭޝް އެޖެންޓުން ހަމަކޮށް އެ އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ޕޭމަންޓް ހިދުމަތް ލިބޭގޮތް ހަމަޖައްސައިފި އެވެ.

އޭޖެންޓް ބޭންކިންގެ ހިދުމަތަކީ ބްރާންޗެއް އަދި އޭޓީއެމެއް ނެތް ރަށްރަށުގައި އޭޖެންޓެއް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމަށް ތައާރަފްކުރެވުނު ހިދުމަތެކެވެ. ދެހާސް ފަނަރަވަނަ އަހަރު މި ހިދުމަތް ފަށާފައިވަނީ ހަމައެކަނި ފައިސާ ނެގުމުގެ ހިދުމަތާ އެކުވެ.

ނަމަވެސް މިއަދު އޭޖެންޓުން މެދުވެރިކޮށް އަތޮޅުތެރޭގައި އެއްވެސް ފީ އަކާ ނުލާ މިހާރު ފައިސާ ނެގުމާއި، ޖަމާކުރުމާއި، ކްރެޑިޓް ކާޑާއި، ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ކަސްޓަމަރުންނަށް ކޭޝް އޭޖެންޓުން މެދުވެރިކޮށް ދުވާލަކު 2000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެ އެވެ. އަދި ދުވާލަކު 10،000 ރުފިޔާއާ ހަމައަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ މިއަދަކީ ބީއެމްއެލްގެ އޭޖެންޓް ބޭންކިން ހިދުމަތް 100 އެޖެންޓުން މެދުވެރިކޮށް ދޭން ފަށާ މުހިންމު ދުވަސް ކަމަށެވެ.

"މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން، ބްރާންޗެއް ނުވަތަ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރުކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާ އެކު ހޯދޭނެ ނިޒާމެއް މިއީ. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މިއަހަރު ތެރޭގައި މި ހިދުމަތް މީހުން ދިރިއުޅޭ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް." ޑެޕިއުޓީ ސީއީއޯ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 76 ސެލްފްސާވިސް ބޭންކިން ސެންޓަރު، 134 އޭޓީއެމް، 100 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ބީއެމްއެލްއިން ވަނީ ތާއާރަފްކޮށްފަ އެވެ.