ބޭންކް އޮފް މޯލްޑިވްސް

ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލު ކުރަނީ: ބީއެމްއެލް

ބެންކް އޮފް މޯލްޑިވްސްގެ ސިސްޓަމްތައް ދޭތެރެދޭތެރެއިން މެދުކެނޑޭ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑޭ މައްސަލައާއި ގުޅޭ ގޮތުން މިއަދު ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށް ބީއެމްއެލް އިން ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރާ ކަމަށެވެ.

އެގޮތުން، މި މަހުގެ 21 ވަނަ ދުވަހުގައި ބޭންކުގެ ކޯ ބޭންކިން ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ނިންމާފައިވާ ކަމަށެވެ. އަދި ބޭންކިން ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި ބޮޑު މަސައްކަތަކަށް ވުމާއެކު އޭގެ ސަބަބުން، ހިދުމަތް މެދުކެނޑިގެން ދިޔުމަކީ ކޮންމެ ބޭންކަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމަށާއި ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުން ކުރިޔާލާ އެކަން ކަސްޓަމަރުންނަށް އަންގާފައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. އދި ބުނީ އަޕްގްރޭޑްގެ މަސައްކަތަށް ފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާކަން ފާހަގަ ވެފައިވާ ކަމަށާއި އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ހިދުމަތަށް ބުރޫއަރާތީ މާފަށް އެދޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.