ދިވެހި ބޭންކު، ބީއެމްއެލްގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގައި ދިމާވި މައްސަލަތައް ހައްލު ވެފައިވާ ކަމަށް ބެންކުގެ ސީއީސޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ ހިދުމަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓިމް ވިދާޅުވީ ބީއެމްއެލްގެ ސިސްޓަމް އަޕްގްރޭޑް ކުރުމުގައި ދިމާވި މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށާއި ބެންކުގެ ހިދުމަތްތައް ދެން މެދު ނުކެނޑޭނެ ކަމަށެވެ.
އަދި ވިދާޅުވީ ސިސްޓަމަށް މައްސަލަތަކެއް ދިމާވާން މެދުވެރިވި ސަބަބު ބަލަމުން ގެންދާ ކަމަށާއި ރިވިއު ކުރުމަށްފަހު އެކަން ތަކުރާރުވިޔަ ނުދޭން ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ. ބެންކުގެ ހިދުމަތްތައް މެދުކެނޑު އިރު ޓްރާންސެކްޝަންތަކުގައި އެއްވެސް މައްސަލައެއް ދިމާވެފައިވާ ނަމަ އެކަން އިންޓަނެޓް ބޭންކިންގެ ޒަރީއާއިން ނުވަތަ މޯބައިލް ބޭންކިން އެޕު މެދުވެރިކޮށް މެސެޖު ކުރުމަށް ވެސް ޓިމް މިއަދު އެދި ވަޑައިގެންނެވި އެވެ.
ޓިމް ވިދާޅުވީ ކުރިއަށް އޮތްތާގައި ވެސް މެއިންޓަނެންސްގެ ސަބަބުން ވަކި ވަގުތަކެއްގައި ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ. އަދި މެއިންޓަނެންސްގެ މަސައްކަތް ތާވަލު ކުރާނަމަ އެކަން ކަސްޓަމަރުންނަށް ކުރިން އަންގާނެ ކަމަށެވެ.
ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތަކީ ފަހުގެ ޓެކްނޮލޮޖީ އާއި ހިދުމަތްތައް ފުރިހަމަ ކުރުމަށް ދުނިޔޭގެ ހުރިހާ ބޭންކަކުން ވެސް ކުރަމުން އަންނަ ކަމެކެވެ.