ވަކި ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ކަންކަން މިސަރުކާރުން ފުރިހަމަކޮށްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު މެންދުރުފަހު މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ދިއްފުށި ކައުންސިލުން ވަނީ އެރަށުގެ ތަރައްގީ އަށް އެންމެ މުހިންމު ކަންކަމާއި މަޝްރޫއުތަކާ ގުޅޭގޮތުން ރައީސް ސޯލިހަށް މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައާއި ދިއްފުށީގެ ސިނާއީ ސަރަހައްދަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމާއި ބިން ހިއްކުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ލެބޯޓްރީގެ ހިދުމަތް އަވަހަށް ފެށުން ހިމެނެ އެވެ.
ދިއްފުށްޓަށް އާ އެމްބިއުލާންސެއް ހޯދުމާއި ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް އެޅުމާއި އޭލެވެލް އަށް ކިޔަވައިދޭން ފެށުމާއި އިތުރު މިސްކިތެއް އެޅުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ. މީގެ އިތުރުން ދިއްފުށީގައި މިހާރު ކުރިއަށްދާ ފުޓްބޯޅަ ދަނޑާއި އައުޓްޑޯޖިމްގެ މަސައްކަތް އަވަސްކުރުމާއި ގުޅޭގޮތުންނާއި ފުލުހުންގެ ހިދުމަތް ފެށުމާ ގުޅޭގޮތުންނާއި އަދި ދިއްފުށީގެ އިގްތިސާދީ އިޖުތިމާއީ ތަރައްގީއަށް ބޭނުންވާ އެހެން ބައެއް ކަންކަންވެސް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ދިއްފުށީ ބިން ހިއްކައި ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ކައުންސިލާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ބިން ހިއްކާއިރު ގިރާ ސަރަހައްދުގެ މައްސަލަ ވެސް ހައްލު ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
މީގެ އިތުރުން ފުލުހުންގެ ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭނާއި ރަށްރަށަށް ބޭނުންވާ މިންވަރަށް އެމްބިއުލާންސް ހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި އަދި ކައުންސިލަރު ފާހަގަކުރެއްވި އިތުރު ކަންކަމާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސް ވަނީ ހިއްސާކުރައްވާފަ އެވެ. އަދި މިސަރުކާރުގައި ވަކި ރަށެއް ތަފާތުނުކޮށް ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ސަރުކާރުން ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.