ތޮއްޑޫ

ތޮއްޑޫ ގެސްޓްހައުސް އަކުން ބަނގުރަލާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި

Jan 9, 2022

ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ހިންގާ ރަށްތަކުގެ ތެރޭގައި ހިމެނޭ އއ. ތޮއްޑޫ ގެސްޓްހައުސް އަކުން ބަނގުރާ ފުޅި ތަކަކާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އޭނާ ނިސްބަތްވާ ގައުމަކާއި އޭނާގެ އަތުން ފެނުނު ބަނގުރާ ފުޅީގެ އަދަދާ އަދި ގެސްޓްހައުސްގެ ނަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ ބަނގުރާ ފުޅިތައް ފެނުނީ އެ މީހާ ހުރި ގެސްޓްހައުސް އަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ބަލައި ފާސްކުރިއިރު ގެސްޓްހައުސް ތެރެއިން ކަމަށެވެ.

މިމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެ އެވެ.

ތޮއްޑޫގައި ހިނގި މައްސަލަ އަކަށް ވާތީ މިއްސަލަ ތަހުގީގު ކުރަމުންދަނީ ތޮއްޑޫ ޕޮލިސް ސްޓޭޝަނުންނެވެ.