ތޮއްޑޫ

ތޮއްޑޫން ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް

Sep 23, 2022

އއ. ތޮއްޑޫގައި ފުލުހުންނަށް އިންޒާރުދީ މާރާމާރީ ހިންގުމުން ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ދީފި އެވެ.

މިމައްސަލައިގައި މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތޮއްޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ދިނީ 10 ދުވަހެވެ.

ފުލުހުން ބުނީ މި މީހާ ހައްޔަރުކުރީ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވަނިކޮށް އަންހެން މީހާގެ ނުރުހުމުގައި އޭނާގެ ގެއަށް ފިރިހެން މީހާ ވަދެ އެގެއިން ނިކުތުމަށް ދެކޮޅު ހެދުމުން ކަމަށެވެ.

ފުލުހުން އެ ގެއަށް ދިޔައީ ފިރިހެން މީހާ އަންހެން މީހާގެ ގެއަށް ވަދެ އެ ދެ މީހުންނަށް ލިބިފައިވާ ފިރިހެން ދަރިފުޅަށް ފިރިހެން މީހާ އަނިޔާކުރާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ އެ ގެއަށް ފުލުހުން ދިއުމުން ފިރިހެން މީހާ ފުލުހުންނަށް އިންޒާރުދީ، މާރާމާރީ ހިންގާ އަދި ފުލުހުންނަށް ހަމަލާދީފައިވާ ކަމަށެވެ.

އަނިޔާވި ފުލުހުންގެ މީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުން ފަރުވާވެސް ދީފައިވެ އެވެ.