ތޮއްޑޫ

ތޮއްޑޫ ބަޔަކު ރުޅިގަދަވެ ކައުންސިލް އިދާރާއަށް ގެއްލުން ދީފި

ތޮއްޑޫ އިން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ރައްޔިތުންގެ ބަޔަކު އެ ރަށު ކައުންސިލް އިދާރާ ކުރިމަތީ މުޒާހަރާކޮށް އެ އެ އިމާރާތަށް ގާއުކާ ބިއްލޫރިތަކެއް ތަޅާލައިފި އެވެ.

ފުލުހުން ބުނީ ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީ އެރަށު ބަޔަކު މިއަދު މެންދުރު 1:00 ހާއިރު މުޒާހަރާކުރީ ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކަމަށާއި އެ މީހުން އަމަލުކުރި ގޮތަށް ފުލުހަކަށްވެސް އަނިޔާވި ކަމަށެވެ. ނަމަވެސް ތޮއްޑޫ ސިއްހީ މަރުކަޒުގައި ފުލުސް މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

މުޒާހަރާ ކުރި ބައެއް މީހުން ކައުންސިލް އިދާރާއަށް ގާއުކައި އަދި މަސްލަހަތު ގެއްލުވާލަން މަސައްކަތްކުރީ އެގޮތަށް އަމަލުނުކުރަން ފުލުހުން ނަސޭހަތްތެރިވަމުން ދަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.

މުޒާހަރާ ކުރި މީހުން އެ ހަރަކާތް ނިންމާލުމަށްފަހު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތިން މިހާރު ވަނީ ގޮސްފަ އެވެ.

މި މުޒާހަރާ ތެރެއިން އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ. އެކަމަކު މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.