ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް އަމަލީ ގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވަނީ މިއަހަރުގެ ބަޖެޓް އޮތީ މަޝްރޫއުތައް ކުރިއަށް ގެންދެވޭ ގޮތަށް ނޫން ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދަން އެކަށީގެންވާ ވަރަށް ފައިސާ ހިމަނާފައި ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މިއަހަރުގެ ބަޖެޓަކީ މިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާ އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކުރި ބަޖެޓެއްކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަން މިއަހަރާއެކު ނިމިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ 2025 އަދި 2026 ވެގެންދާނީ އަޅުގަނޑު ރަށްރަށަށް ގޮސް ރިޔާސީ އިންތިހާބުގައި ވެފައިހުރި ވައުދުތައް ފުއްދުމަށްޓަކައި އަމަލީ ގޮތުން އެ މަސައްކަތްތައް ހިންގާ ދެ އަހަރަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ލޯކަލް ކައުންސިލުތަކުގެ ގާނޫނުގެ ދަށުން އުފެއްދި ފުރަތަމަ ކައުންސިލު ކުންފުނި ކަމަށްވާ އއ. ތޮއްޑޫ ކައުންސިލުގެ ކުންފުންޏަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.