ތޮއްޑޫ

ތޮއްޑޫން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ތޮއްޑޫ ކައުންސިލް އިދާރާއަށް ގެއްލުން ދިނުމާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ފުލުހުން މި މީހުން ދޫކޮށްލީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކާ އެކު މި މީހުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރުމާ ގުޅިގެންނެވެ.

ތޮއްޑޫ ކައުންސިލްގެ ފުރާޅަށް ގާ އުކާ އެ އިމާރާތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި އެ ރަށުން އިއްޔެ އަށް މީހަކު ހައްޔަރު ކުރި އެވެ.

ތޮއްޑޫގައި ބަޔަކު މުޒާހަރާކޮށް ރަށުގެ ހަމަޖެހުން ގެއްލުވާލީ އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެވެ.

މުޒާހަރާ ކުރި މީހުން އެ ދުވަހު އަމަލުކުރި ގޮތުން ފުލުހަކަށް އަނިޔާވެ ތޮއްޑޫ ސިއްހީ މަރުކަޒުގައި އޭނާ ފަރުވާވެސް ހޯދި އެވެ.