ތޮއްޑޫ

ތޮއްޑޫ ކައުންސިލަށް ގެއްލުން ދިނުމުގެ ކުށުގައި 8 މީހުން ހައްޔަރުކޮށްފި

ތޮއްޑޫ ކައުންސިލްގެ ފުރާޅަށް ގާ އުކާ އެ އިމާރާތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި އެ ރަށުން އަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި އަށް މީހުން މިއަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.

ތޮއްޑޫގައި ބަޔަކު މުޒާހަރާކޮށް ރަށުގެ ހަމަޖެހުން ގެއްލުވާލީ އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެވެ.

މުޒާހަރާ ކުރި މީހުން އެ ދުވަހު އަމަލުކުރި ގޮތުން ފުލުހަކަށް އަނިޔާވެ ތޮއްޑޫ ސިއްހީ މަރުކަޒުގައި އޭނާ ފަރުވާވެސް ހޯދި އެވެ.