ރަށުން ބޭރުގައި ޗުއްޓީގައި ތިބި ދަރިވަރުންނާއި ޓީޗަރުން ވީހާވެސް އަވަހަށް ރަށަށް ދިއުމަށް އެޑިޔުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ ރަށުން ބޭރުގައި ތިބި ޓީޗަރުންނާއި ދަރިވަރުން އެޗްޕީއޭ އިން އިއުލާންކޮށްފައިވާ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކޮށް ވީއެންމެ އަވަހަށް ރަށަށް ދިއުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
ސްކޫލުތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ދިއުމަކީ މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށްވެސް ބުނެފައިވެ އެވެ.
"މިގޮތުން ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސްކޫލަށް ހާޒިރުވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ." ބަޔާނުގައިވެ އެވެ.
ކޮވިޑްގެ އާ ވެރިއެންޓް -- އޮމިކްރޯން ރާއްޖެއިން ފެނިފައިވާތީއާއި މާލެ ސަރަހައްދުގައި ހަފްތާ އަކު ޓެސްޓް ކުރެވޭ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ވެސް ފަސް ޕަސަންޓަށް ވުރެ މަތިވެފައިވާތީ ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތަކުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅައި، އެ ފިޔަވަޅުތަކަށް އަމަލުކުރަން ވެސް އެޑިޔުކޭޝަނުން ވަނީ ސާކިއުލާ އަކުން ސްކޫލުތަކަށް އަންގާފަ އެވެ.
ސާކިއުލާގައި އަމަލުކުރަން އެންގި ކަންކަން
- ރާއްޖޭން ބޭރުން އަންނަ ދަރިވަރުން އަދި މުވައްޒަފުން ރާއްޖެ އައިސް ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
- މޮނިޓަރިންގައި އޮތް ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު މާލެ އަތުވެއްޖެނަމަ ގިނަވެގެން ހަތަރު ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުން.
- ސްކޫލު ތެރޭގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖެއްސުން،
- ސްކޫލު ތެރޭގައި ގްރޫޕް ހަދައިގެން ކައިބޮއި ނުހެދުން.
- ސްކޫލު ތެރޭގައި އެކުލަވާލާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ އަށް ތަންފީޒުކުރުން.
ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު 2020 އަހަރުގެ ތެރޭގައި ވެސް ސްކޫލުތަކާއި ޔުނިވަސިޓީތަކާއި ކޮލެޖުތަކާއި ޓިއުޝަން ސެންޓަރުތައް ވަނީ އަހަރަކަށް ވުރެ ގިނަ ދުވަހަށް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދީފަ އެވެ.
ކޮވިޑް ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެޗްޕީއޭ އިން ވެސް އިއްޔެ ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން 50 އަށް ވުރެ ގިނަ މީހުން އެއްވުން މަނާކުރުމާއި މާލެ ސަރަހައްދުން ދަތުރުކުރާނަމަ ފުރުމުގެ 72 ގަޑިއިރު ކުރިން ޕީސީއާރް ޓެސްޓް ހެދުން ހިމެނެ އެވެ.