ލައިފްސްޓައިލް

ކާބުލް އެއާޕޯޓުން ގެއްލުނު ތުއްތު ކުއްޖެއް އާއިލާއާ ހަވާލުކޮށްފި

ތާލިބާނުން އަފްޣާނިސްތާނު ހިފި ދުވަސްވަރު އެމެރިކާގެ ބޯޓު ތަކުގައި އެ ގައުމުން ފުރަން މަސައްކަތްކުރި އަފްޣާން އާއިލާތަކުގެ ތެރެއިން އާއިލާއެއްގެ ތުއްތު ކުއްޖަކު އެއާޕޯޓު ތެރެއަށް ގެއްލުނެވެ. ކުއްޖާ ގެއްލުނުތާ ހަތަރު މަސް ފަހުން ކުއްޖާގެ އާއިލާއަށް ކުއްޖާ ވަނީ އަލުން އަނބުރާ ލިބިފަ އެވެ.

ކުއްޖާގެ އާއިލާގެ މީހުން އަފްޣާނިސްތާނުން ފުރައިގެން ދާން މަސައްކަތް ކުރުމުގެ ތެރޭގައި އެއާޕޯޓެއް ތެރެއިން ތުއްތު ކުއްޖާ ސިފައިންގެ މީހަކާ ހަވާލުކުރި އެވެ. އޭގެ ފަހުން ކުއްޖާ ވީ ތަނެއް އާއިލާއަށް ނޭނގި ކުއްޖާ ގެއްލުނީ އެވެ.

ސުހައިލް އަހުމަދީ ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ މިދިޔަ އަހަރުގެ އޯގަސްޓް 19 ވަނަ ދުވަހު، އެއާޕޯޓް ތެރެއިން ގެއްލުނުއިރު އޭނާއަށް އެންމެ ދެ މަހެވެ. އެންމެ ފަހުން އޭނާ ހޯދުނީ ކާބުލްގައި ޓެކްސީ ޑްރައިވަރެއްގެ މަސައްކަތްކުރާ 29 އަހަރުގެ ހާމިދު ސާފީ ގެންގުޅެނިކޮށެވެ.

ޑްރައިވަރު ސާފީއަށް ކުއްޖާ އެއާޕޯޓް ތެރޭން ފެނިގެން ގެޔަށް ގެނެސް އަމިއްލަ ދަރިއެއް ގޮތަށް ގެންގުޅެން ފެށީ އެވެ. ނަމަވެސް ސާފީ ގެންގުޅެނީ އެއާޕޯޓުން ގެއްލުނު ކުއްޖާ ކަން އެނގުނަސް ވަގުތުން އެ ކުއްޖާ އާއިލާއާ ހަވާލު ކުރެވޭނެ ގޮތެއް ނުވި އެވެ. ސަބަބަކީ ދެ ފަރާތުން ވާހަކަ ދައްކައި އެއްބަސް ވުމަކަށް އަންނަން ހަތް ހަފުތާގެ މުއްދަތެއް ނެގީމަ އެވެ. އަދި ތާލިބާން ފުލުހުން ސާފީ ހައްޔަރު ކޮށްގެން ވެސް ދުވަސްކޮޅަކު ގެންގުޅުމުންނެވެ. އެންމެ ފަހުން މިހާރު ކުއްޖާ ވަނީ އޭނާގެ ކާފަ އާއި އާއިލާގެ ބަޔަކާ ހަވާލު ކޮށްފަ އެވެ. ނަމަވެސް އަދިވެސް ތުއްތު ސުހައިލް އަށް އޭނާގެ މައިންބަފައިންނާ ބައްދަލެއް ނުވެ އެވެ. ސަބަބަކީ އަފްޣާނިސްތާނުން އެމެރިކާއަށް އޭރު ގެންދިޔަ މީހުންގެ ތެރޭގައި ސުހައިލްގެ ބައްޕަ މިރްޒާ އަލީ އަހްމަދީ އާއި މަންމަ ސުރައްޔާ ހިމެނިފައި ވާތީ އެމީހުން ތިބީ އަދިވެސް އެމެރިކާގައި ކަމަށް ވާތީ އެވެ.

މިދިޔަ ނޮވެމްބަރު މަހު ސުހައިލްގެ ބައްޕަ ރޮއިޓާސް އަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާ ސިފައިންގެ މީހެއްގެ އަތަށް ތުއްތު ދަރިފުޅު ދިނީ ދޮރުން އެތެރެއަށް އެ ކުއްޖާ ވައްދައިދޭނެކަމުގެ އުންމީދުގަ އެވެ. އޭރު ދޮރާއި އެމީހުން ތިބި ހިސާބާ ދޭތެރޭ ހުރީ އެންމެ ފަސް މީޓަރެއްހާ ދުރުމިން ކަމަށް ވެސް ސުހައިލްގެ ބައްޕަ ބުންޏެވެ. ނަމަވެސް ތާލިބާން ސިފައިން މީހުންތައް ކޮއްޕާ ހަދަން ފެށުމުން ސުހައިލްގެ އާއިލާގެ މީހުންނަށް ހީކުރިހާ އަވަހަކަށް އެތެރެއަކަށް ނުވަދެވުނު ކަމަށާއި ވަދެވުނުއިރު ދަރިފުޅުގެ ހިލަމެއް ނެތް ކަމަށެެވެ.

ދަރިފުޅު ހޯދާ ހޯދާ ނުފެނިގެން އަހްމަދީ އާއި އާއިލާ އެމެރިކާއަށް ގޮސް ޓެކްސަސްގެ މިލިޓަރީ ބޭސް އެއްގައި ތިބީކަމަށް އޭނާ ބުންޏެވެ.
ޓެކްސީ ޑްރައިވަރު ސާފީއަށް ސުހައިލް ފެނުނީ ބިންމަތީގައި އޮއްވަ އެވެ. އޭރު އެ ތުއްތު ކުއްޖާ ވަރަށް ބާރަށް ރޮމުން ދިޔަ ކަމަށް ޑްރައިވަރު ބުންޏެވެ. އަދި ކުއްޖާ ނަގައިގެން އޭނާގެ މައިންބަފައިން ފެނޭތޯ އޭނާ ވަރަށް މަސައްކަތްކޮށް ނާކާމިޔާބުވުމުން އޭނާގެ އަންހެނުންނާއި ތިން އަންހެންދަރިން ކައިރިއަށް ގެއަށް ގެނެސް އަމިއްލަ ދަރިއެއް ފަދައިން ގެންގުޅެން ފެށީ ކަމަށް ޑްރައިވަރު ބުންޏެވެ.

"އަހަރެން މި ތުއްތު ކުއްޖާ ގެންގުޅޭނަން. އޭނާގެ އާއިލާއަކީ ކޮބައިކަން ހޯދިއްޖެނަމަ އެ އާއިލާ އާ ކުއްޖާ ހަވާލުކުރާނަން. ނޫންނަމަ އަމިއްލަ ދަރިއަކު ފަދައިން ގެންގުޅެ ބޮޑުކުރާނަން،" ރޮއިޓާސް އަށް ނޮވެމްބަރު މަހު ދިން އިންޓަވިއު އެއްގައި ސާފީ ބުންޏެވެ.