(އަންގާރަ ދުވަހުގެ އަދަދާ ގުޅޭ)
ނަވާލު: އަދިއެއް ނުދުރުވެ. ނޭނގެ ފަހުން ނުދުރު ވާނެ ކަމެއް މިއަދަށް ނިންމަން ޖެހޭ ފައިސާގެ މުޢާމަލާތެއް ވެސް އެބައޮތް. ސައުން ނުދުރު ވަންޏާ ވަރަށް އުނދަގޫ ވާނެ އާލިޔާ ގުޅާލަބަލަ ކޮން އިރަކުންތޯ ދުރުވަނީ ބަލާލަން.
އާލިޔާ: ސާބަހޭ ނަވާލު އަދި އަންނަ ގަޑިއެއް ނުޖެހެއެއް ނޫންތަ؟ އެހެން ބުނި ތަނާ ސައުން އެ ކެބިން ހުރަސްކޮށް ދާތަން އާލިޔާއަށް ފެނުނެވެ. އިރުކޮޅެއް ނުވަނީސް އޮފީހުގެ އެހެން މުއައްޒަފަކު އައިސް ނަވާލު އަށް ސައުން ގޮވާ ވާހަކަ ބުނެފިއެވެ. އެންމެ ފަހުން ނަވާލު ސައުންގެ ކެބިންނަށް ވަނެވެ. ނަވާލު ފެނުމާ އެކު މިއަދު ނިންމަން ޖެހޭ ފައިސާގެ މުޢާމަލާތާއި ބެހޭ މަޢުލޫމާތު އެހުމަށް ފަހު އެކަން އަވަސްކުރާށޭ ބުނެ، އަވަސް އަވަހަށް ލިޔެކިޔުން ތަކެއް ނަގައި ނަވާލު އާއި ހަވާލު ކުރިއެވެ. ދަރިފުޅު މާބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނޭ ބުނުމަށްފަހު ލިޔެކިޔުން ތަކަށް ހަދަންވީ ގޮތުގެ އިރުޝާދުދިނުމަށް ފަހު، ސޮއި ކުރަން ހުރި ތަކެތީގައި ސޮއިކުރުމަށްފަހު އޮފީހުގެ ކަންތައްތައް ރަނގަޅަށް ބެލުމަށް ބުންޏެވެ. އަދި އާލިޔާ ދެން ނާންނެ ކަމާއި އާލިޔާ ކުރަމުން ދިޔަ މަސައްކަތްތައް ދެން މީގެ ފަހުން ކުރަން ވާނި ނަވާލު ކަމަށް ބުނަމުން އަވަސް އަވަހަށް އެނބުރި ދާން ހިނގައިގަތެވެ. ނަވާލު ބަލަން އިން ފައިލު ލައްޕާލުމަށްފަހު ސައުން އާލިޔާ.. އާލިޔާ.... އެނބުރި އޮފީހަށް އަތުވެއްޖެއޭ ބުނެ ބަލާލި އިރު ސައުން ފެންނަން ވެސް ނެތެވެ. ސައުން ހާސްވެފައި ހުރި މިންވަރު ފެނުމުން އިތުރަށް ދެން އެއްޗެކޭ ނުބުނެ އާލިޔާ އޮފީހަށް ނުކުތް ވާހަކަ ފަހުން ގުޅާފައި ބުނަށް ނިންމިއެވެ. ނަވާލު ނިންމަށް ހުރި މަސައްކަތްތައް ގިނަކަމާ އެކު އާލިޔާގެ ލަފަޔާއި އެހީތެރިކަން ބޭނުން ވާތީ އާލިޔާ ކައިރިއަށް އެނބުރި ދިޔައެވެ. ނަވާލު ފެނުމުން ސައުން ކޮބައިތޯ އާލިޔާ ސުވާލު ކުރިއެވެ.
ނަވާލު: ސައުން އެނބުރި ގެއަށް ދުރުވެއްޖެ
.
އާލިޔާ : އެއީ ކހިނެތްވީ އެހާ އަވަހަށް...
ނަވާލު: ސައުންގެ ހަގުދަރިފުޅު ހުންއައިސްގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނޭ ބުނުއްވީ.
އާލިޔާ: އެހެންތަ.
ސައުން ކަންބޮޑު ވާނެ މިންވަރު ހިތަށް އަރާފައި އާލިޔާ ވަރަށް ދެރަވިއެވެ. އަދި ރޭގައި ސައުންނައީ އެހެންވެ ކަން އާލިޔާ އަށް ވިސްނުނެވެ. ނަވާލުއަށް މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު ދިނުމުން ފައިލުތަކާ ލިޔެކިޔުން ތައް ހިފައިގެން އެތަނުން ހިނގައްޖެއެވެ. އާލިޔާ ކުރަންފެށި މަސައްކަތް ކުރާ ހިތް ކެނޑި ސައުން އުޅޭނެ ގޮތާމެދު ވިސްނެއް ފެށުނެވެ. ސައުންނަށް ގުޅުމަށް ފޯނުގައި އަތްލުމަށް ފަހު ޚިޔާލު ބަދަލު ވެގެން އެކަން ހުއްޓާލިއެވެ. އޮފީހުގެ މަސައްކަތުގައި ހޭދަ ކުރުމަށްފަހު ނަވާލުއާއި ހަވާލުކޮށް ފައިވާ މަސައްކަތް ވެސް އެންމެފަހުން ނިންމީ އާލިޔާއެވެ. އެދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދާން ހިނގައިގަތް ތަނުން އޮފީސްގެ ފޯނު ތަކުރާރުކޮށް ރިންގުވާތި އެނބުރި އައިސް ފޯނު ނެގިއެވެ. އެކޮޅުން ވާހަކަ ދައްކަނީ ސައުންނެވެ. ޖަވާބު ނުދެވިގެން އުޅެނިކޮށް ނަވާލު އޮފީހުގައި އުޅޭތޯ ސުވާލު ކުރިއެވެ. އޭރު ނަވާލު ވެސް ގެއަށް ދިއުމަށް ޓަކައި ނުކުންނަމުން އާލިޔާ އަށް ގޮވަމުން އެތަނަށް އައިސް ވަންނަނީއެވެ. ސައުންނަށް ނަވާލު އާލިޔާ އަށް ގޮވާއަޑު އިވުމުން ފޯނު ނަގައިގެން ހުރީ ކާކުތޯ ބެލުމަށް ސުވާލު ކުރިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އާލިޔާ ފޯނު ދިއްކޮށްލީ ނަވާލު އަށެވެ. ނަވާލު ހަލޯއޭ ބުނުމުން ފޯނު ނެގީ ކާކުހެއްޔޭ އެއްސެވެ، ނަވާލު އާލިޔާއޭ ބުނުމުން ސައުންނަށް ބުނަން ނޭނގޭ އުފަލެއް ލިބުނެވެ. އެހެންނަމަވެސް އެވަގުތު ގުޅީ ދަރިފުޅުގެ ބަލި ސީރިޔަސްކަމުން ކުއްލިއަކަށް ބޭރަށް ދާން ފުރާތި އޮފީހުގެ ކަންތައްތަކާއި ބެހޭގޮތުން ނަވާލު އަށް ބައެއް ކަހަލަ ވާހަކަތައް ދައްކާލަން ކަމަށެވެ. އެހެންނަމަވެސް އާލިޔާ އޮފީހަށް ނުކުތްކަން އެނގުމުން އެ ވިސްނުން ބަދަލުކޮށް ފުރާ ވާހަކަ ބުނުމަށް ފަހު އާލިޔާ އަތަށް ފޯނު ދިނުމަށް އެދުނެވެ. އާލިޔާ ފޯނުގައި ނުހިފަން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ދަރިފުޅުގެ ހާލު ސީރިޔަސް ކަމުން ބޭރަށްދާން ފުރަން އުޅޭ ވާހަކަ ނަވާލު ބުނުމުން އެންމެފަހުން ފޯނުގައި ހިފިއެވެ. އާލިޔާ ހަލޯއޭ ބުނުމާ އެކު ސައުން ވަރަށް ބޮޑަށް ސޮރީ އޭ ބުނެ ވާހަކަ ދައްކަން ފެށިއެވެ. އާލިޔާ ކައިރީ ތައްޔާރު ވާން ބުނެފައި ގެއަށް އައި އިރު ދަރިފުޅު ބަލި އޮތް ކަން އެނގުމުން ދިޔައީ ހޮސްޕިޓަލަށް ކަމުގައި ބުންޏެވެ. ހޮސްޕިޓަލަށް ދިޔަ ގޮތަށް އޭރުން ސުރެން މިއުޅެނީ އެކަމުގައި ކަމަށް ބުނަމުން އަނެއްކާ ވެސް މަޢާފަށް އެދުނެވެ.
އާލިޔާ: އެއީ މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ނޫން. ދަރިފުޅުގެ ހާލު މިހާރު ކިހިނެއްތަ؟
ސައުން: އިންޝާ ﷲ ކުރިއަށް ވުރެ މިހާރު ރަނގަޅު އެހެން ނަމަވެސް ހިތުގެ ޓެސްޓެއް ހެދުމަށް ޑޮކުޓަރު ލަފާ ދޭތީ ލަސް ނުކޮށް މިރޭ އަށެއްގެ ފުލައިޓުން އިންޑިޔާއަށް ދާން ފުރަން މިއުޅެނީ. މި ދަނޑިވަޅުގައި އާލިޔާ ތިޔަ ދިން އެހީތެރި ކަމަށް ޓަކައި ވަރަށް ބޮޑަށް ތޭންކުސް. އޮފީހުގެ ކަންތައްތައް ރަނގަޅަށް ބަލަހައްޓައި ދިނުން އެދެން.
އާލިޔާ: ކާކު އެކުގައި ދަނީ.
ސައުން: މިޝްކާ ދަރިފުޅާ އެކު ދާނެ. ދަރިފުޅުގެ ހިތް ހަމަޖެހުމަކީ އޭނަގެ މަންމަ ކަމަށް ވާތި އެކަމާ އިންކާރެއް ނުކުރަން. އަހަރެންނާއި މިޝްކާއާއި ދެމެދު ގާތް ގުޅުމެއް ނެތަސް ދަރިފުޅާއި މައިމީހާއާއި ދެމެދު ވާ ލޭގެ ގުޅުމަކީ އަހަރެންނަށް ކަނޑާލެވޭނެ ގުޅުމެއް ނޫން. އަހަރެންނަކި އެހާ ނާތަހުޒީބު ވިސްނުމެއްގެ މީހެއްނޫން. އާލިޔާ ވެސް އެ ގޮތަކަށް ތަރުޙީބެއް ނުދެމެއްނޫން. އެއަށް ވުރެ ބޮޑަށް އަންޑަސްޓޭންޑިން މީހެއް އާލިޔާއަކީ ވެސް ދޯ! މިހެންބުނެ އާލިޔާ ސައުންގެ ވާހަކައިގައި ބައިވެރި ކުރުވިއެވެ.
އާލިޔާ: ތިޔަ ނިންމުމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހިއްޖެ. އަދިވެސް އިތުރު ވިސްނުމަކަށް ގޮސް ކުދިންނަށް އެންމެ ފައިދާ ހުރި ގޮތަކި ކޮބައިތޯ ބަލައި ކަންތައްތައް ނިންމުމުގައި ހެޔޮ ވިސްނުން ދެއްވުމަށް އެދި ދުޢާކުރަން. އެނބުރި މަސައްކަތުގެ މާހައުލުން ބައްދަލު ވުން އެދެން. ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރަން. އެހެން ބުނުމަށްފަހު އާލިޔާ ފޯނު ބާއްވަން އުޅުނެވެ. އެވަގުތު ސައުން އަދި ތިން މިނެޓް މަޑުކޮށްލަދީ ފާނަންތޯ އެއްސެވެ. އާލިޔާއަށް ސައުންގެ ވާހަކައިގެ ރާގު ބަދަލު ވާހެން ހީވާތީ ހުރީ ކަންބޮޑު ވެފައެވެ. އަދި އިތުރަށް އާލިޔާއާއި ސައުންގެ ގުޅުން ތަރައްޤި ކުރުމަށް ކުޑަވެސް މަގެއް ހުޅެވި ދިއުމަކީ އާލިޔާ އެންމެ އެދޭގޮތް ކަމަށް ނުވާތީ އަވަހަށް ވާހަކަ ކުރުކޮށް ލުމަށްފަހު ފޯނު ބާއްވަން ބޭނުންވީއެވެ. އެހެންނަމަވެސް ސައުންގެ ވިސްނުންހުރި އެގޮތަކަށް ނޫނެވެ. އާލިޔާއާއި ވާހަކަ ދައްކާލުމުންވެސް އެތައް ހިތާމައެއް ހިތުން ފިލާ ދާކަހަލަ އިހުސާސްއެއް ވެއެވެ. ލޮލަށްނުފެނި ވަކިވެ ދާން ޖެހޭތި ސައުން ހުރީ ނުހަނު ދެރަވެފައެވެ. ނަމަވެސް ހާލަތު އެގޮތަށް ތަން ނުދޭތި މަޖުބޫރުވީ ހަމައެކަނި ފޯނުން ހިތުގެ އިހުސާސް ހިއްޞާކުރާށެވެ. ހިތުގައި އަނދަމުންދާ ލޯބީގެ ވޭނާ ކެކުޅުމަށް ފިނިކަމެއް ލިބެން އޮތީ އާލިޔާގެ އާބަސް ލިބުމުން ކަމަށް ވާތީއެވަގުތަކަށްސައުން ކުރަމުންދަނި ފޮނި އިންތިޒާރެކެވެ. އާލިޔާއަށް ސައުން ލޯބިވާ މިންވަރާ އެކަމުގެ ސަބަބުން އެހިތުގައި އަޅާ ވޭން ހާމަކޮށްދޭނީ ކޮން މޭރުމަކުންތޯ އަބަދުވެސް ދިޔައި ވިސްނަމުންނެވެ. އާލިޔާގެ ހިތް ވަގުފުކޮށް އެހިތުގައި ސައުންނަށް ޓަކައި ލޯތްބާއި ކުލުނާއެކު އިތުބާރު ގާއިމު ކުރެވޭނެ ދުވަހަކަށް ސައުން އެދަނީ އިންތިޒާރު ކުރަމުންނެވެ. އެހެންކަމުން މިވަގުތަކީވެސް ސައުންނަށް އާލިޔާގެ ހިތުގައި އިތުބާރާއި ޔަޤީންކަށް އުފެއްދުމަށް ލިބިގެން ދިޔަ ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައި ގަނެ، ވަގުތުގެ ބޭނުން ފައިދާ ހުރި ގޮތުގައި ހިފުމަށް ވިސްނާ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
ސައުން: ދަރިފުޅު މިދަނޑި ވަޅުގައި ބަލި ވުމުގެ ސަބަބުން މިޝްކާއާއި އެކު ވަގުތު ހޭދަކުރަން ޖެހުނު ނަމަވެސް އަހަރެންގެ ވިސްނުން މިޝްކާއާއި އެކު ދިރިއުޅު މަކަށް ބޭނުމެއް ނުވޭ! އަދި އާލިޔާއަށް ހުށައެޅި ހުށައެޅު މައިގެން ކުރިއަށް ދާން ބޭނުންވޭ. އަހަރެންނަށް އާލިޔާއާއި ނުލައި ދެން ދިރިއުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ. ހަޤީޤީ ލޯބި ކިރިޔާ މިވެވެނީ އާލިޔާ ދެކެ. ކުރިން އެވެވުނީ ލޯބިކަމަކަށް މިހާރު އަހަރެން ނަކަށް ގަބޫލެއް ނުކުރެވޭ!
އާލިޔާ: ސައުން މިދަނޑި ވަޅުގައި މުހިންމު ވާނީ ދަރިފުޅުގެ ބައްޔަށް އަވަސް ޝިފާއެއް ހޯދުން. އަވަހަށް ދަ ތުރުގެ ކަންތައްތައް ރެޑީ ކުރައްވާ! އަދި އެކުދިންގެ ކުރިމަތީގައި އެކުދިންގެ މަންމަ ބާކީ ކޮށް އެކަހެރި ނުކުރޭ! އޭރުން އެކުދިންގެ ހިތަށް މާ ވޭން ލިބޭނެ. ދެމީހުން ވެސް ވާހަކަ ދައްކައިގެން ދަރިފުޅުގެ ބައްޔަށް ފަރުވާ ކުރެވޭތޯ ވިސްނާ! އިންސާނުންނަށް ކުށް ކުރެވޭނެ. ސައުންނަށް މިޝްކާ ބޭވަފާތެރި ވިޔަސް ދަރިންނަށް ޓަކައި އެހިތުގައި މައިވަންތަ ކަމުގެ ކުލުނާ އެކު ވިންދު ޖަހަމުން ދާނެ. ދަރިން ބަލިވުމުން މައިންގެ ލޮލުން އެއޮހޭ ކަރުނައަކީ ދަރިންނަށް ޓަކައި އަގުބޮޑު މުތީތަކެއް ކަމުގައި ވެދާނެ. ވީމާ އެކުށުގެ ސަޒާ އަކަށް ދަރިންގެ ލޯތްބާ ކުލުނުން މިޝްކާ މަހުރޫމް ކޮށްގެން ނުވާނެ. އަދި އެކަމުގެ ސަބަބުން އަދަބު ލިބޭ ބަޔަކަށް ދަރިން ވެގެން ނުވާނެ. މިޝްކާއަށް ކަމޭހިތައި އަޅާލާތީ. އެއީ ކުދިންގެ މަންމަ އެ މަންމައަށް ލިބޭ ކޮންމެ ނިކަމެތި ކަމަކީ ކުދިންނަށް ވެސް ލިބޭނެ ނިކަމެތި ކަމެއް ކަމަށް ސައުން ދެކެން ވާނެ. މިޝްކާ ނުރުހިފައި ހުރީމަ ހޮސްޕިޓަލަށް ދާކަށް ނުކެރޭނެ. އެކަމަކު ވަރަށް ދެކިލާހިތްވޭ. އަހަރެންގެ ހެޔޮ ދުޢާ ދަރިފުޅާ އެކު ވާނެ . ސައުންގެ ވިޔަފާރިއަށް އަދި ސައުންނަށް ދެރަވާ ގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމާނަށް. މާބޮޑަށް ކަންތައްތަކުގައި ހާސްވެ ކަންބޮޑު ނުވާތި. އޭރުން ދަރިފުޅަށް އޭނަގެ ބަލިހާލު މާބޮޑަށް އިހުސާސް ކުރެވި ދެރަވެދާނެ. ހިތްވަރު ކުރާތީ! އަބަދުވެސް ރަނގަޅަށް ވިސްނާތި.
މިހެން އާލިޔާ ބުނީ ދަނޑި ވަޅުގެ ނާޒުކު ކަމަށް ވިސްނާ ސައުންގެ ވާހަކަތައް ހުއްޓުވުމުގެ ނިޔަތުގައެވެ. ވަކިވުމުގެ ހިތި ސަލާމަކާއި އެކު ފޯނު ބޭއްވީ އާލިޔާއެވެ. ސައުންނަށް އެންމެފަހުން އާލިޔާ ބުނި ބަސްކޮޅުން ކަންފަތަށް އިވެމުންދިޔަ އިރު ބަޔާން ކުރަން ދަތި އުފަލެއް ހިތަށް ލިބެމުން ދިޔައެވެ. މިލާފައިވާ މޫނު މައްޗަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ. " ސައުންނަށް ދެރަވާ ގޮތަކަށް އެއްވެސް ނިންމުމެއް ނުނިންމާނަށް." އެއިބާރާތް ސައުންނަށް ތަކުރާރު ކޮށްލެވުނެވެ. އެތައް މެސެޖެއް އެ ވާހަކަތަކުން ސައުންނަށް ލިބިގެން ދިޔައެވެ. ނިވެމުންދާ ހަޔާތުގެ ބައްތީގެ ކަނިވަމުން ދިޔަ ހުޅުކޮޅު އަލުން ދިރުނު ކަހަލައެވެ. ބަނަވަމުން ދިޔަ ވިލާތަކުގެ މެދުން ހުޅެވި ހަނދެއްގެ އަލިކަން ފާޅުވުމުން އެލިބޭ ހިތްގައިމުކަން ހިތާއި ސިކުނޑިއަށް ލިބެމުން ދިޔައެވެ. ފޮނި އިންތިޒާރަކާ އެކު ދަރިފުޅު ގޮވައިގެން ބޭރަށް ދާން ސައުން ފުރީ އުއްމީދި ހިތަކާ އެކުގައެވެ. (ނުނިމޭ)